ލައިފްސްޓައިލް

ލައިވް ކުރިޔަށް ދަނިކޮށް އެންކަރުގެ ދަތެއް ވެއްޓިއްޖެ

ރިޕޯޓަރުންނާއި ޖާނަލިސްޓުންނަކީ އެމީހުންގެ ވަޒީފާއަށް ތަމްރީނު ވެފައި ތިބޭ ބަޔަކަށް ވިޔަސް ތަފާތު ހާލަތްތަކުގައި ކެތްތެރިކަމާއި ވިސްނުން އިސް ކުރަން އެމީހުން ތިބެނީ ތަމްރީނުވެފަ އެވެ. ޚާއްސަކޮށް ލައިވް ޓެލެކާސްޓެއްގައި ދިމާވެދާނެ ކޮންމެ ހާލަތަކަށް އެމީހުން ތައްޔާރުވެގެން ތިބެން ޖެހެ އެވެ.

ޔުކްރެއިންގެ ޓީވީ އެންކަރު މަރިޗްކާ ޕަޑަލްކޯއަށް ކުރިމަތިވީ މައްސަލަ އެހެން މީހަކަށް ކުރިމަތިވީނަމަ އަމަލު ކުރި ގޮތް ތަފާތު ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް ލައިވްކޮށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގެ މެދުތެރޭން އޭނާގެ މެދު ދަތެއް ކުއްލިއަކަށް ވެއްޓުމުން ވެސް މަރީޝާ ވަނީ އެއްވެސް ކަމެއް ނުވާ ކަމަށް ހަދައި ވާހަކަ ދެއްކުން ކުރިޔަށް ގެންގޮސްފަ އޭނާގެ ހުރި ގާބިލްކަން ދައްކާފަ އެވެ.

އެވަގުތު މަރިޗްކާ ކިޔަމުންގެން ދިޔައީ ކޮރޯނާވައިރަސް އަޕްޑޭޓެކެވެ. މި ޚަބަރު ކިޔަން އިންދާ މަރިޗްކާ އަށް އޭނާގެ މެދު ދަތް ލުހޭހެން ހީވި އެވެ. އޭނާ ވަރަށް މަޑުމަޑުން އިނދެ އަނގަމަތީގައި އަތް ލާފައި ދަތް ނެގި އެވެ. އޭނާ އަތް އަނގަމަތީގައި އަޅާފައި ދަތް އަތަށް ނެގިއިރު މާ ބޮޑަކަށް މީހުންނަކަށް އެކަން އެނގުނަކަ ނުދިނެވެ. އަދި ކިޔަމުންދިޔަ ޚަބަރު ވެސް އެއްވެސް ހުއްޓުމެއް ނެތި ކިޔަމުން ގެންދިޔަ އެވެ.

މަރިޗްކާ ފަހުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މިކަމާ ގުޅޭ ގޮތުން އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާ ކޮށްފަ އެވެ. އަދި މި ހާދިސާ ހިނގި ގޮތުގެ ވީޑީއޯއެއް ވެސް ހިމަނާފައި ވެއެވެ. ޚަބަރު ކިޔަނިކޮށް ދަތެއްގެ އެއްބައި ނެއްޓުނު ކަމަށާއި މިއީ ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ހޭދަކުރި 20 ވަރަކަށް އަހަރު ދުވަހުގެ ދިގު މުއްދަތުގައި ކުރެވުނު އެންމެ ހިތް ނުތަނަވަސް ތަޖުރިބާ ކަމަށް އޭނާ ސިފަ ކުރި އެވެ.

އޭނާގެ މި ޕޯސްޓަށް ކޮމެންޓުކުރި އޭނާއާ އެކު މަސައްކަތްކުރާ އެކުވެރިޔަކު ބުނީ މަރިޗްކާ އަމަލު ކުރި ގޮތުން ހީވަނީ ދަތް ވެއްޓުމަކީ އޭނާއަށް ކޮންމެ ދުވަހަކު ވާކަމެއް ހެން ކަމަށެވެ. އެހާވެސް ކޫލްކޮށް އޭނާ އެކަން ނެގިތަން ފެނުނީމަ އެވެ.

މިކަން ދިމާވި ގޮތް އޮޅުން ފިލުވައިދެމުން މަރިޗްކޯގެ އިންސްޓަގްރާމް ޕޯސްޓްގައި ބުނެފައިވަނީ އެ ދަތަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ގެއްލުމެއް ލިބިފައި އިން ދަތެއް ކަމަށެވެ. އޭނާގެ ކުޑަ އަންހެންދަރިފުޅަކު އެލާމް ކްލޮކެއް ނަގައިގެން ހޫރުމުގެ ތެރޭގައި އެ ގަޑިން މަރިޝްކާގެ އަނގަ މަތީގައި ޖެހި ދަތަށް ގެއްލުންވީ އެވެ.

މަރީޗްކާ ހީކުރީ އޭނާގެ ދަތް ލުހުނު ތަން މީހުންނަކަށް އެހާ ބޮޑަކަށް ފާހަގައެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އޭނާ ހީކުރި ގޮތާ ޚިލާފަށް މިކަން ގިނަ ބަޔަކަށް ފާހަގަ ކުރެވި އެ ވާހަކަ ދައްކަން ފެށުމުން މިކަން ވީ ގޮތް އޭނާ ހިއްސާ ކުރީ އެވެ.