ލައިފްސްޓައިލް

ޒޫމް ކުލާހެއްގައި ކުއްޖަކު ޓީޗަރަކަށް ބުލީކޮށްފި

އުމުރުން ދުވަސްވެފައިވާ ޓީޗަރަކަށް ކުދި ބަޔަކު ބުލީ ކުރުމުން އޭނާއަށް ވަރަށް އަސަރު ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން އޭނާގެ ހިތް ހަލާކުވެފައިވާ މިންވަރު ބަޔާންކޮށް އިންސްޓަގްރާމްގައި މީހަކު ކޮށްފައިވާ ޕޯސްޓެއް އިއްޔެ ވަރަށް ވައިރަލް ވެ ގިނަ ބަޔެއްގެ ސަމާލުކަން މި ޕޯސްޓަށް ލިބިފައި ވެއެވެ. މިއީ އެ ދުވަހުގެ އެންމެ ހިތްދަތި ޚަބަރުކަމަށް މި ޕޯސްޓް ކީ ގިނަބަޔަކު ބުނެފައި ވެއެވެ.

ޓެޑް ދަ ސްޓޯނާ ކިޔާ މީހެއްގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކޮށްފައިވާ މި ޕޯސްޓުގައި 55 އަހަރުގެ ޓީޗަރު އޮންލައިން ޒޫމް ކުލާހެއްގައި ކިޔަވައިދޭން ތަން ފެންނަ ސްކްރީންޝޮޓެއް ވެސް ހިމަނާފައި ވެއެވެ. ނަމަވެސް އޭނާގެ ނަމެއް އަދި ގައުމެއް މި ޕޯސްޓްގައި ހިމަނާފައެއް ނެތެވެ.

މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ބުލީ ކުރުމަކީ އަދި އޮންލައިން ޓްރޯލް ކުރުމަކީ މަޖާ ކަމެއް ނޫނެވެ. މަޖަލަކަށް ކަންކަންކުރަން ވާނީ އެހެން މީހަކަށް އޭގެން ހިތްދަތި އަސަރުތަކެއް ނުކުރާނެ ފަދަ ގޮތަކަށެވެ.

މި ޕޯސްޓްގައި ބުނެފައިވަނީ މިހާރު ދުނިޔެއަށް ކުރިމަތިވާ ބޮޑު ބަލިމަޑުކަމަކާ އެކު ޓީޗަރުންނަށް ވެސް ހަދާނެ ގޮތް ހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި ދުވަހަކު ވެސް އޮންލައިން ކްލާސްތައް ނަގައިނުދޭ އަދި ކޮމްޕިއުޓަރާއި ފޯނުން މި ފަދަ ކްލާސްތައް ހިންގަން ނޭނގޭ ޓީޗަރުންނަށް ކުއްލިއަކަށް މިފަދަ ކަންކަން ކުރަން ޖެހުމުން އުފުލަން ޖެހޭ ތަކުލީފަށް ވެސް ބަލާލާފައި ވެއެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ ބައެއް ޓީޗަރުންނަކީ އަދިވެސް ޓެކްނޮލޮޖީ އަށް އެހާ ފަރިތަ ނޫން ޓީޗަރުންނަށް ވުމަކީ ވެސް މި ކަހަލަ ކަންތައްތައް ކުރަން އެ މީހުންނަށް ދަތިވާ ސަބަބެއްކަމަށް ބުނެފައި ވެއެވެ.

"ޕްރިންސިޕަލް ކުއްލިއަކަށް 55 އަހަރުގެ ޓީޗަރަށް ގުޅާފައި އޮންލައިން ކްލާސްތައް ނަގައިދޭން ދަސްކުރަން ބުނި. ޓީޗަރަށް މިކަމާ ދެކޮޅު ހެދޭކަށް ނެތް. ސަބަބަކީ އޭނާ ނުވާނޭ ބުނެފިނަމަ ވަޒީފާ ގެއްލުމުގެ ބިރު އޮތީމަ. އުމުރުން ދުވަސްވެފައިވާ ޓީޗަރަކަށް ވާތީ އޭނާ ވަޒީފާއިން ވަކި ކުރާނެ ގޮތަކަށް އެންމެން ވެސް ތިބޭނީ ބަލަބަލާކަން ވިސްނޭތީ އާއި މި އުމުރުގައި ވަޒީފާ ގެއްލިއްޖެނަމަ ދެން ކުރާނެ އެހެން މަސައްކަތެއް އޭނާ އަށް ނުވިސްނޭތީ މިކަމަށް އޭނާ އެއްބަސްވި. އާއިލާ ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭތީ ކޮންމެހެން ވެސް މި ވަޒީފާ އޭނާއަށް ވަރަށް މުހިއްމު،" މި ޕޯސްޓުގައި ބުނެފައި ވެއެވެ.

މި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެ ޓީޗަރު އަވަހަށް އޭނާގެ އަންހެންދަރިފުޅުގެ އެހީތެރިކަން ހޯދައި ފޯނުން ޒޫމް ކުލާހެއް ހިންގާނެ ގޮތް ދަސްކުރި އެވެ. އަދި ހުދުކުލައިގެ ބޯޑެއް ގަނެ ގޭގެ ތަނެއްގައި ހަރުކޮށް ކްލާސް ބާއްވަން ތައްޔާރުވި އެވެ. އަދި ދަރިވަރުންނާ އޭނާއަށް މިފަހަރު މި ބައްދަލުވަނީ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށް ވާތީ އާ ގަމީހެއް ވެސް ގަނެ ކްލާސް އޮންނަ ގަޑިއަށް ވަރަށް ރަނގަޅަށް ތައްޔާރުވި އެވެ.

ކްލާސް ގަޑީގެ ކުރިން ޓީޗަރުގެ އަންހެން ދަރިފުޅު ސްމާޓްފޯނުން ކްލާހަށް ކުދިން ވައްދައި ކްލާސް ފެށުމުގައި ބައްޕައަށް އެހީތެރިވި އެވެ.
އަލަށް އޮންލައިން ކްލާހެއް ހިންގާތީ ޓީޗަރު ހުރީ ހާސްވެފަ އެވެ. އޭނާގެ އަތް ވެސް ތުރުތުރު އަޅަ އެވެ. ހާސްވެގެން ގޮސް ރަނގަޅަށް އަޑު ވެސް ނުނިކުމެ އެވެ. ނަމަވެސް ހިތްވަރާއެކު އޭނާ ކިޔަވައިދޭން ފެށި އެވެ. ކިޔަވައިދޭން ފެށިތާ އިރުގަނޑެއް ފަހުން ކުއްލިއަކަށް ނުދަންނަ އައިޑީ އަކުން ކުއްޖަކު ހުތުރު ބަހެއް ޓީޗަރާ ދިމާލަށް ބުންޏެވެ. ޓީޗަރު ވަރަށް ލަދުގަތެވެ. އޭނާ ކިޔަވައިދޭ ދަރިވަރުންގެ ކުރިމަތީގައި އޭނާއަށް ހަޑި ހުތުރު ބަހުން މުޚާތަބު ކުރީމަ އައި ރުޅީގައި އޭނާއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނީ އެވެ. އޭނާ މުޅި އުމުރުގައި ހޯދި އިއްޒަތާއި ގަދަރު ދަރިވަރުންގެ ކުރިމަތީގައި ވެއްޔާ މޮޑެވިއްޖެކަމުގެ އިހްސާސް އެ ވަގުތު އެ ޓީޗަރަށް ކުރެވުނެވެ. ބޭނުން ކުއްޖެއްގެ މިއުޓްކުރަން ދަރިފުޅު ބުނެދީފައި އޮތަސް ޓީޗަރު މިއުޓްކުރުމުން ދަރިވަރު ބޭނުންނަމަ އަމިއްލައަށް އަންމިއުޓް ކުރެވެ އެވެ. އެހެންވެ ހުތުރު ބަހުން މުޚާތަބު ކުރި ދަރިވަރު ހަމަ އެގޮތުގައި އޭނާއަށް ހަޑި ހުތުރު ބަސްތައް ރައްދުކުރަމުން ގެންދިޔަ އެވެ. މަޖަލަކަށެވެ. ކުދިން ހެއްވަން ވެގެނެވެ. އެންމެ ފަހުން ކެތްނުވެގެން ޓީޗަރު ކްލާސް ނިންމާލީ އެވެ.

ކްލާސް ނިންމާލުމަށްފަހު ޓީޗަރު އޭނާގެ ދަރިފުޅަށް ގޮވުމުން ދަރިފުޅު ދުވަމުން އައިއިރު ފެނުނީ އޭނާގެ ބައްޕައަށް ހިފެހެއްޓުމެއް ނެތި ރޮވެމުން ދިޔަ ތަނެވެ. ބައްޕަގެ ގައިގައި ބައްދާލައިގެން އިރުގަނޑަކު ހުރިއިރުވެސް ބައްޕަގެ ރުއިން ހުއްޓައެއް ނުލެވުނެވެ. މުޅި އުމުރުގައި ވެސް އޭނާއަށް ކުރިމަތިނުވާ ވަރުގެ ލަދުވެތިކަމެއް އެ ދުވަހު އެ ޓީޗަރަށް ކުރިމަތިވީމަ ބޭއިޚްތިޔާރުގައި އޭނާއަށް ރޮވުނީ އެވެ. އެރޭ އެ ޓީޗަރަށް ނުވެސް ނިދުނެވެ. އަނެއް ދުވަހު ވެސް ހަމަ ކްލާސް ފަށާއިރަށް އެ ކުއްޖާގެ އުނދަގޫތަކާ ކުރިމަތިވާނެކަން ޔަގީން ވާތީ އެވެ.