އޭއެފްސީ ކަޕް

އޭއެފްސީ ކަޕް ބާއްވަން ރާއްޖެއިން ބިޑްކޮށްފި

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯން ނުވަތަ ގުރޫޕް އީ ގެ ބާކީ މެޗުތައް ބާއްވަން ރާއްޖެއިން ބިޑް ކޮށްފި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިއަށް ނުގެންދެވުމުން މެދުކަނޑާލި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދިއުމަށް އޭއެފްސީ ނިންމާފައި ވަނީ މެޗުތައް އެއް ސިޓީއެއްގެ ގޮތުގައި ކުޅުމަށެވެ. ކުރިން އޮންނަ ގޮތަށް ހޯމް އެންޑް އަވޭ މެޗުތައް ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް އޭއެފްސީ ން ވަނީ ބުނެފަ އެވެ. އެއީ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި އަދިވެސް ރައްކާތެރި ކަމެއް ނެތުމުންނެވެ.

އޭއެފްސީ ކަޕް މާޗް މަހު މެދުކަނޑާލީ، ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގެ ދެ މެޗު ކުޅުމަށް ފަހު އެވެ. މި ސަރަހައްދުން އޭއެފްސީ ކަޕްގައި ވާދަ ކުރާ ޓީމުތައް ހިމެނޭ ގައުމުތަކުގެ ތެރެއިން، ވައިރަސްގައި އެންމެ ސޭފް ގައުމަކަށް އޮތީ ރާއްޖެ އެވެ. ރާއްޖެއިން އޭއެފްސީ ކަޕްގައި މިފަހަރު ދެ ޓީމު ވާދަ ކުރެ އެވެ. ދެން ހިމެނެނީ ބަންގުލަދޭޝް އާއި އިންޑިއާގެ ޓީމުތަކެވެ. ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަތުން ރާއްޖޭގެ ޓީސީ ބަލިވީ 5-1 ންނެވެ. އިންޑިއާގައ މާޒިޔާއިން ވަނީ ޗެންނާއީ އާ 2-2 ން އެއްވަރު ކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ސެންޓްރަލްކޮށް މުބާރާތް ކުޅުމަށް ހަމައްސާފައި ވުމުން، ގުރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތައް ކުރިއަށް ގެންދިއުމަށް ރާއްޖެއިން ބިޑު ކޮށްފައިވާ ކަމަށެވެ.

ސައުތު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 23 ން ނޮވެމްބަރު ހަތަރަކަށެވެ. އެއް ގައުމެއްގައި ހުރިހާ މެޗުތަކެއް ކުޅުނަސް ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދާނީ ދެ ލެގް ހިމެނޭ އުސޫލަށެވެ. ނޮކައުޓް ސްޓޭޖު މެޗުތައް ކުރިއަށް ގެންދާނީ އެއް މެޗު ކުޅޭ ގޮތަށެވެ.