ހަބަރު

ޕާމް ބީޗް ރިސޯޓް ވިއްކާލަން އަނެއްކާ ވެސް އިއުލާންކޮށްފި

Jul 18, 2020

ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ނުލިބިގެން އަނެއްކާ ވެސް އެ ރިސޯޓް ވިއްކާލުމަށް އިއުލާން ކޮށްފައި ވަނީ މިދިއަ ބުރާސްފަތި ދުވަހެވެ.

އިބްރާހިމް އަލިމަނިކުގެ ނަމުގައިވާ ޕާމް ބީޗް ރިސޯޓް، އެސްބީއައިއިން ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ. އެ ރިސޯޓް ނީލަމުގައި ވިއްކާލައިގެން ލޯނަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ސިވިލް ކޯޓުން، ޖުލައި 22، 2018 ގައި ހުކުމް ކޮށްފައިވެ އެވެ.

ޕާމް ބީޗު ރިސޯޓު ވިއްކާލުމަށް ނީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާ އެވެ. ނީލަން ކުރިއަށް ދާނީ އިއުލާނުކުރި ތާރީހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

ނީލަން ހުށައަޅާ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 15،000 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް އެ ރިސޯޓް ވިއްކާލާނެކަމަށް އެސްބީއައިއިން ބުންޏެވެ.

އެސްބީއައިން ބުނީ ނީލަން ކާމިޔާބުކުރާ ފަރާތަކުން 15 ދުވަހުގެ ތެރޭގައި އެއް މިލިއަން ޑޮލަރު ބެންކަށް ދައްކަންޖެހޭނެ ކަމަށެވެ. ބާކީ ފައިސާ 60 ދުވަސް ތެރޭގައި ދައްކާ ހަލާސްކުރަންޖެހޭކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ލޯނަށް ފައިސާ ނުދައްކައިގެން މީގެ ކުރިން ސިވިލް ކޯޓްގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވެގެން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހާޒިރުކުރަން ކޯޓުން ދެ ފަހަރެއްގެ މަތިން، 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފުލުހުންގެ މައްޗަށް އަމުރު ވެސް ކުރި އެވެ.