ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިިޓަލީގެ އިންޒާރު: ހީކުރާ ވަރަށްވުރެ ކޮވިޑް-19 ނުރައްކާ

ކޮވިޑް-19 ޖެހިފައި ރަނގަޅުވީމަ އެ ނިމުނީ ކަމަށް ހީކުރާ މީހުންނަށް އިޓަލީން ވަރުގަދަ އިންޒާރެއް ދީފި އެވެ. އިޓަލީގެ ސައިންސްވެރިން މި ފާއިތުވީ ހައެއްކަ މަސް ދުވަހު ކޮށްފައިވާ ތަޖުރިބާތަކުގެ އަލީގައި ބުނެފައިވަނީ ކޮވިޑް-19 ޖެހޭ މީހުންނަށް ޒަމާންގަނޑަކަށް އޭގެ ނޭދެވޭ އަސަރުތައް ފޯރަމުންދާނެ ކަމަށެވެ. އެއީ އެއްގޮތަކަށް ބަލީގެ އަލާމާތެއް ނުފެންނަ މީހަކަށް ވިޔަސް އަދި ވަރަށް ކުޑަކުޑަކޮށް ބަލީގެ އަލާމާތް ފެނިފައި ރަނގަޅުވާ މީހަކަށް ކަމަށް ވިޔަސް ވައިރަސްގެ އަސަރު ހަށިގަނޑަށް ކޮށްފައިވާނަމަ އޭގެ ނޭދެވޭ އަސަރުތައް އެތައް ޒަމާނެއް ވަންދެން ހަށިގަނޑުން ފެންނަމުންދާނެ ކަމަށެވެ.

އިޓަލީން ބުނަނީ ކޮވިޑް-19ގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކަކީ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މާ ބޮޑަށް ގޯސް ގެއްލުން ތަކެކެވެ.

އިޓަލީގެ ޑޮކްޓަރުންނާއި ސައިންސްވެރިންގެ ޓީމެއް ގުޅިގެން ކޮށްފައިވާ ދިރާސާއަކަށް ފަހު ބުނެފައިވާ ގޮތުގައި ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބަލި ރަނގަޅުވުމަށްފަހު ވެސް ނަފްސާނީ މައްސަލަތަކާއި ކިޑްނީ ބަލިތައް، ސްޕައިނަލް އިންފެކްޝަންސް، ސްޓްރޯކްސް، އިންތިހާއަށް ވަރުބަލިވެ ހިނގާބިނގާވާން އުނދަގޫވުން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތި ވާން ފާޙަގަ ކުރެވިފައިވާ ކަމަށެވެ. މިއީ އިޓަލީގައި އެންމެ ގަދަޔަށް ކޮރޯނާވައިރަސް ފެތުރުނު ލޮމްބާޑީގައި ބަލި ޖެހުނު މީހުންގެ ހާލަތު ދިރާސާޚުރުމަށްފަހު ސައިންސްވެރިން ބުނެފައިވާ ވާހަކަ އެކެވެ.

އިޓަލީ ޑޮކްޓަރުން ބުނާ ގޮތުގައި ބަލި ޖެހުނު ބައެއް މީހުންގެ ގައިން ވައިރަސް ފިލާ ދިޔައަސް ވައިރަހުގެ ސަބަބުން ހަށީގަނޑަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ޖެހޭ އެކި ބަލި ތަކުން ސަލާމަތް ނުވެވޭ ކަމަށެވެ. އަދި ހުރިހާ އުމުރު ފުރާއަކަށް ވެސް މި ނުރައްކާ އޮތް ކަން ޑޮކްޓަރުން ފާހަގަ ކޮށްފައި ވެއެވެ.

މިއީ ހަމައެކަނި ނޭވާލުމުގެ ނިޒާމަށް ބަލިޖައްސާ ވައިރަހެއް ކަމަށް ކުރިން ހީކުރެވިފައިވީ ނަމަވެސް ހަގީގަތުގައި މި ވައިރަހަކީ ވަރަށް ސިސްޓަމެޓިކް އިންފެކްޝަނެއް ކަމަށާއި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށް މި ވައިރަހުގެ ހަމަލާ އަމާޒުވެ ހުރިހާ ގުނަވަނަކަށް އަސަރު ކުރާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.

އާއްމުކޮށް ކޮށްއުޅޭ މަސައްކަތްތައް ކޮށް، ކަންކަން ވިސްނައިގެން ކުރުމުގެ ގާބިލްކަން ބައެއް މީހުންގެ ގެއްލޭއިރު އަނެއް ބަޔަކަށް ފިޒިކަލް އެކްޓިވިޓީޒްތަކުގައި ބައިވެރިވުމަކީ ވެސް ދަތި ކަމަކަށް ވާކަން ސައިންސްވެރިން ފާހަގަ ކުރި އެވެ.

އިޓަލީ ޑޮކްޓަރުން އިންޒާރު ދިން ގޮތުގައި މި ބައްޔާ މެދު އެއްވެސް މީހަކު ސީރިއަސްކޮށް ނުނަގާ ވާކަށް ނެތެވެ. އަދި ވަކި އުމުރު ފުރައެއްގެ މީހަކަށް ވާތީ ބަލި ނުޖެހޭނެ ކަމަށް ބަލާ ފަރުވާ ކުޑަކުރެވޭކަށް ވެސް ނެތެވެ. މި ބަލީ ޖެހިދާނެ ހުރިހާ ކަމަކުން މީހުން ދުރުހެލިވެ ބަލީގެ ނުރައްކާ އިހްސާސް ކުރުމަށް ސައިންސްވެރިން އެދިފައި ވެއެވެ. ސަބަބަކީ މި ބަލި ޖެހުމުން އެ މީހާގެ މުޅި ހަޔާތަށް އިންގިލާބެއް ގެނުވާވަރުގެ ބަލިތަކެއް އެމީހާގެ ހަށިގަނޑަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

ގައިދުރުކޮށް އުޅުމާއި ގިނަގިނައިން އަތް ދޮވެ ސާފުކުރުން އަދި މާސްކް އެޅުމުގެ މުހިއްމުކަން އެންމެ ސިކުންތަކަށް ވެސް ހަނދާން ނައްތާ ނުލުމަށް ސައިންސްވެރިން އެދިފައި ވެއެވެ.

އިޓަލީގެ އިންޒާރު އައިސްފައިމިވަނީ މި ވައިރަހުގެ ދެ ވަނަ ރާޅެއް އެ ގައުމަށް ބިންދާލަން އުޅޭކަމުގެ އިންޒާރުތައް ލިބެމުންދާ ދުވަސްވަރެއްގަ އެވެ. އެ ގައުމުގެ އެންމެ ބޮޑު ދެ ހޮސްޕިޓަލަށް މި ބަލި ޖެހިގެން އަންނަ މީހުން މިހާރަކަށް އައިސް ދަނީ ގިނަމުންނެވެ.
އަލްޕައިން ޕްރޮވިންސްގެ ބާގާމޯގެ ޕާޕާ ޖިއޮވާނީ ހޮސްޕިޓަލުގެ ހެޑް އޮފް އިމަޖެންސީސް ޑރ. ރޮބާޓޯ ކޮސްޓެންޓިނީ އަށް ވަނީ މި ވައިރަހުގެ އަސަރު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފަ އެވެ. ސަބަބަކީ މި ހިސާބުގަނޑުގައި ބަލި ފެތުރިގެން ދިޔައިރު 6000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނުތަން އޭނާ އަށް ފެނިފައި ވާތީ އެވެ.

އެހެންވެ މި ބައްޔާ މެދު މީހުން ހޭލުންތެރިކޮށް ފަރުވާ ބެހެއްޓުމަށް ތަކުރާރުކޮށް ޑޮކްޓަރު އިންޒާރު ދެއްވަނީ މިފަދަ ދުވަހެއް އަނެއްކާވެސް ދެކެން ބޭނުން ނުވާތީ އެވެ.

"އެންމެ ފުރަތަމަ އަހަރެމެން ހީކުރީ ފްލޫ އެކޭ. ދެން ހީކުރީ ވަރަށް ސަކަރާތް ވައްތަރެއްގެ ފްލޫ ވަރަށް ބޮޑުވަރުވާ ނިއުމޯނިއާ އަކާއެކު ޖެހޭ. ނަމަވެސް މަޑުމަޑުން އަހަރެމެންނަށް ވިސްނެން ފެށި މިއީ އެއަށް ވުރެ މާ ވަރުގަދަ ބައްޔެއްކަން. އެކި ގުނަވަންތައް ހަލާކުކޮށްލާ ކިޑްނީ ހަލާކުކޮށްލާ މައިބަދަ ހަލާކު ކޮށްލާ އަދި ލޭ ހޮޅިތައް ވެސް ހަލާކުކޮށްލާ ބައްޔެއްކަން،" ޑޮކްޓަރު ވިދާޅުވި އެވެ.

މި ބަލި ޖެހި ރަނގަޅުވެފައިވާ ގިނަ މީހުންގެ ކިޑްނީ ހަލާކުވެ މިހާރު ޑައިލެސިސް ހަދަން ޖެހޭ ކަމަށާއި އަނެއް ބަޔަކަށް ސްޓްރޯކް ޖެހި ނުކުޅެދޭ ހާޅަތަށް ގޮސްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އަނެއް ބަޔަކަށް ހިތުގެ މައްސަލަތައް ދިމާވެފައިވާ ކަމަށާއި މި ނޫންވެސް ވައިރަހުން ގިނަ ގުނަ ގެއްލުންތައް ހަށިގަނޑަށް ލިބިފައިވާ މީހުން ގިނަ ކަން ޑޮކްޓަރު ފާޙަގަ ކުރެއްވި އެވެ.