ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދެމަސް ފަހުން އިޓަލީގެ ކެފޭ، ފިހާރަތައް ހުޅުވައިފި

May 19, 2020
1

މިލާން (މެއި 19) - ކޮވިޑް-19 އާ ގުޅިގެން ހަރުކަށި ލޮކްޑައުނެއްގައި އޮތް އިޓަލީން، އާއްމު ހާލަތަށް އެނބުރި ދިއުމަށް، ފިހާރަތަކާއި ކެފޭތައް އިއްޔެ އަލުން ހުޅުވައިފި އެވެ.

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު އިއްޔެ އިން ފެށިގެން ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވުމަށް ހުއްދަ ދިން ނަމަވެސް، ގައިދުރު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން، މިއުޒިއަމްތަކާއި، ހެދުން ވިއްކާ ފިހާރަތަކުގެ އިތުރުން ސެލޫން ފަދަ ތަންތަން ވެސް އަލުން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ކަސްޓަމަރުންނަށް ދުރާލައި ބުކިންގް ހައްދައިގެން ދެވޭ ގޮތަށެވެ.

އެގޮތުން، ރެސްޓޯރަންޓުތަކުގައި ދުރާލައި ރިޒަވޭޝަން ހައްދައިގެން ކަސްޓަމަރުން ދާއިރު، ކޮންމެ މޭޒެއްގެ ދެމެދު މަދުވެގެން ތިން ފޫޓު ބެހެއްޓުމަށް ވަނީ ލާޒިމުކޮށްފަ އެވެ. އަދި އަނެއްކާވެސް ބަލި ފެތުރިގެން ހިނގައި ދާނެ ހާލަތަކަށް، ރެސްޓޯރަންޓުތަކަށް ދާ ކަސްޓަމަރުންގެ މަދުވެގެން 14 ދުވަހުގެ ލޮގެއް ބެލެހެއްޓުމަށް ވެސް ވަނީ އަންގައިފަ އެވެ.

ސެލޫންތަކުގައި ބޭނުން ކުރާ ސާމާނުތައް ކޮންމެ ކަސްޓަމަރަކަށް ފަހު ޑިސްއިންފެކްޓް ކުރަން ޖެހޭއިރު، ހެދުން ވިއްކާ ފިހާރަތަކުގައި ހުންނަ އަންނައުނުތައް ވެސް ޑިސްއިންފެކްޓު ކުރުން ވަނީ ލާޒިމު ކޮށްފަ އެވެ.

ލޮކްޑައުން މަޑުމަޑުން ލުއި ކުރަމުން އަންނަ އިރު، ޖިމްތަކާއި ޕޫލް އަދި ސިނެމާ ފަދަ ތަންތަން ހުޅުވުމުގެ ހުއްދަ އަންނަ ހަފުތާގެ ތެރޭގައި ދޭނެ ކަމަށް ބެލެވެ އެވެ.

އިޓަލީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 225،000 އަށް އަރާފައި ވާއިރު، މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.