ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިނާއި އިޓަލީން ފިޔަވަޅުތައް ލުއި ކުރަން ފަށައިފި

Apr 14, 2020

ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޔޫރަޕުގެ ދެ ގައުމު ކަމަށްވާ، އިޓަލީ އަދި ސްޕެއިންގައި ވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތައް ލުއި ކުރަން ފަށައިފި އެވެ.

ލޮކްޑައުން ކުރުމާ ގުޅިގެން، އިގުތިސޯދު މަޑުޖެހިފައިވާ ސްޕެއިންގައި ކޮންސްޓްރަކްޝަނާއި މުދާ އުފައްދާ ބައެއް ކުންފުނިތަކުގެ މުވައްޒަފުން އެނބުރި މަސައްކަތަށް ނުކުތުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 17،500 އަށް ވުރެ މައްޗަށް އަރާފައިވީ ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެ ބަލި އަލަށް ޖެހޭ މީހުންގެ އަދަދު ވަނީ ވެއްޓިފަ އެވެ.

"މި ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބުކޮށް، އާއްމު ހާލަތަށް ދިރިއުޅުން އެނބުރި ދިއުން އަދި އޮތީ ވަރަށް ދުރުގައި،" ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، މިދިޔަ މަހުގެ 27 ވަނަ ދުވަހުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކޮށްދީފައި ވަނީ، ގޭގައި ތިބެގެން މަސައްކަތް ނުކުރެވޭ ބައެއް ވިޔަފާރިތަކަށެވެ. ނަމަވެސް، އެނބުރި މަސައްކަތަށް ނުކުންނަ މީހުންވެސް، މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަނީ ލާޒިމުކޮށްފަ އެވެ.

ޔޫރަޕުން ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީގައި ވެސް ބަލި ފެތުރޭ މިންވަރު މަޑުޖެހި، ބައެއް ވިޔަފާރިތައް އަލުން އޮޕަރޭޓް ކުރުމުގެ ހުއްދަ ވަނީ ދޭން ފަށައިފަ އެވެ.

އިޓަލީގައި އިއްޔެ އެކަނި ވެސް 566 މީހުން މަރުވެފައިވާއިރު، ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20،465 އަށް އަރައިފަ އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިޓަލީގެ ލޮކްޑައުން އިތުރު ކޮށްފައިވީ ނަމަވެސް، މިއަދުން ފެށިގެން، ބުކްޝޮޕްތަކާއި ކުޑަކުދިންގެ ހެދުން ވިއްކާ ފިހާރަތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ.