ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަލި ޖެހިފައިތިބި މީހުން އަދަދު ދަށްވެ، އިޓަލީއަށް އުއްމީދު

Apr 21, 2020

މިލާން (އޭޕްރީލް 21) - އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ފުރަތަމަ ފަހަރަށް ބަލި ޖެހިފައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދު ދަށްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެގޮތުން މިދިއަ ހޯމަ ދުވަހު، އިޓަލީގައި މިވަގުތު އެ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ހުރީ 108،237 ގަ އެވެ. އެއީ އޭގެ ކުރީ ދުވަހާ އަޅާ ބަލާއިރު 20 މީހުން މަދު އަދެދެކެވެ.

މަދުވި އަދަދު ބޮޑު ނޫނަސް، އިޓަލީގެ ކަމާބެހޭ އިދާރާތަކުން ވަނީ ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިޓަލީ އަދިވެސް ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް، ބައެއް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ.

އެގޮތުން، ބުކްޝޮޕްތަކާއި ކުޑަކުދިންގެ ހެދުން ވިއްކާ ފިހާރަތައް ފަދަ ތަންތަން ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.

އެމެރިކާ އާއި ސްޕެއިނަށްފަހު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގަ އެވެ. އެގޮތުން، އިޓަލީގައި އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 24،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ނަމަވެސް، ގޭބީސީތަކުގެ އިތުރުން މުސްކުޅިން ބަލަހައްޓާ ބައެއް ތަންތަނުގެ މީހުން ނުހިމެނޭތީ، އިޓަލީގެ ރަސްމީ މަރުގެ އަދަދު އެއަށްވުރެ އިތުރުވާނެކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.