ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑިސެމްބަރު މަހު އިޓަލީއަށް ކޮވިޑް-19 ވަދެފައިވޭ: ދިރާސާ

Jun 20, 2020

މިލާން (ޖޫން 20) - އިޓަލީން ކޮވިޑް-19 އިގެ ކޭހެއް ރަސްމީކޮށް ރިޕޯޓުކުރުމުގެ އެތަކެއް މަހެއް ކުރިން، އެ ބަލި އެ ގައުމަށް ވަދެފައިވާކަމަށް ދިރާސާއަކުން ބުނެފި އެވެ.

އިޓަލީގެ ދެ ސިޓީއެއް ކަމަށްވާ، ޓިއުރިން އަދި މިލާންގެ ނަޖިސް ފެން ދިރާސާ ކުރުމަށްފަހު، އިޓަލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އިގެ އަސަރު މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުވެސް ހުރި ކަމަށެވެ.

މި ދިރާސާ އާއްމުކޮށްފައިމިވަނީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ ބަލި މާކުރިން ފެތުރެން ފަށާފައިވާކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި މި ނުރައްކާތެރި ވައިރަސް، ޗައިނާ އިން ރަސްމީކޮށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅެވެ. އަދި އިޓަލީގެ އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ މެދު ތެރޭގަ އެވެ.

ޔޫރަޕުގައި އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި އިޓަލީން މިހާތަނަށް ގާތްގަނޑަކަށް 35،000 މީހުން ވަނީ މަރުވެފަ އެވެ.

އިޓަލީގެ އިތުރުން ފްރާންސްގައި ވެސް ނިއުމޯނިއާ ޖެހުނު ޕޭޝަންޓެއް ޓެސްޓުކުރުމުން ކޮވިޑް-19 އިގެ އަސަރު ފެނިފައިވާކަމަށް އެ ގައުމުގެ ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަދި ސްޕެއިންގެ ބާސަލޯނާއިން ނަޖިސް ފެން ޓެސްޓު ކުރުމަށްފަހު، އެ ގައުމުގެ ފުރަތަމަ ކޭސް ރިޕޯޓުކުރިތާ 40 ދުވަސް ކުރިން އެ ވައިރަހުގެ އަސަރު ފެނިފައިވާކަމަށް ވަނީ ބުނެފަ އެވެ.

އިޓަލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނީ، ނަޖިސް ފެން ޓެސްޓުކޮށްގެން، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ، ފެތުރުން ކޮންޓްރޯލް ކުރަން މުހިއްމު ފިޔަވަޅަކަށް ވާނެކަމަށް މި ދިރާސާއިން ހާމަވެފައިވާ ކަމަށެވެ.