ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް އަމުރުކޮށްފައިވަނީ ލ. މުންޑޫ، އަންނާރުމާގެ، އަހުމަދު ނިޝާން (26އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 15 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހާދިސާ ހިނގިތަނުން ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް 16 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.