ވިޔަފާރި

ރިސޯޓު ކުއްޔަށްދޭ މުއްދަތު އިތުރު ކުރުމުން ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

Oct 4, 2015

ރިސޯޓު ކުއްކަށް ދޫކުރާ މުއްދަތު އިތުރު ކުރުމާއެކު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑު ތަން އިތުރުވާން ފަށާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.

މަހަކު އެއް ފަހަރު، މަރުކަޒީ ބޭންކުން ނެރޭ "އިގްތިސޯދީ ރިވިއު" ގައިވާ ގޮތުން ހިލޭ އެހީ ނުހިމަނައި މެއި މަހު 1.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 125 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މައުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މިގޮތުން ރިސޯޓު ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް އިތުރު ކުރުމާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު، 100 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި މުއްދަތުގައި ޓެކްސުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 32.2 މިލިއަން ރުފިޔާ އެވެ. މިއީވެސް އިތުރު އަދަދެކެވެ.

"މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން ރިސޯޓު ކުއްޔަށް ދޫކޮށްގެން މި އަހަރުގެ މިހާތަނަށް 689 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދީ މިދިޔަ އަހަރު ލިބުނު 558 މިލިއަން ރުފިޔާއާ އަޅާބަލާއިރު 7.2 ޕަސެންޓް އިތުރު ވުމެކެވެ.