ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދަރިފުޅު ގެނައި ވައިރަހުން ބައްޕަ މަރާ ހަނގުރާމަކުރަނީ

އެމެރިކާގެ ފްލޮރިޑާގެ ބައްޕައެއް މިހާރު އޮތީ ކޮރޯނާވައިރަހުގެ ސަބަބުން ބަލި ހާޅު ބޮޑުވެ މަރާ ހަނގުރާމަ ކުރާށެވެ. މި ބައްޕައަށް ބަލި ޖެހުނީ އޭނާގެ ދަރިފުޅު ބޭރަށް ނުދިއުމަށް އާއިލާގެ އެންމެން އާދޭސް ކޮށްކޮށް ތިއްބާ އެ މީހުންގެ އާދޭހަށް ބެލުމެއް ނެތި އެކުވެރިންނާއެކު މަޖާކޮށްލަން މި ޒުވާނާ ބޭރަށް ދިއުމުގެ ސަބަބުންނެވެ.

ފޭސް މާސްކް އެޅުމަށާއި މިދުވަސްކޮޅު އެކުވެރިންނާއެކު ނުދާން ތަކުރާރުކޮށް އާއިލާގެ މީހުން މި ޒުވާނާއަށް ނަސޭހަތް ދިން ކަމަށް ވެއެވެ. ނަމަވެސް އޭނާ ގޮސް އެކުވެރިން ކައިރީ އުޅެ އުޅެފައި އައިއިރު އައީ ކޮރޯނާވައިރަސް ހިފައިގެންނެވެ. ނަތީޖާއަކަށްވީ މުޅި އާއިލާ މި ބައްޔަށް ޕޮޒިޓިވް ވުމެވެ.

އާއިލާގެ އެންމެންގެ ތެރެއިން ވެސް މިހާރު އެންމެ ހާލު ދެރަވެފައި ވަނީ ޒުވާނާގެ ބައްޕަ ޖޯން ޕްލޭސް އެވެ. ވެސްޓްސައިޑް ރީޖަނަލް މެޑިކަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ޖޯން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭތާ ވެސް މިހާރު ދެ ހަފުތާ ވެއްޖެ އެވެ.
އުމުރުން 42 އަހަރުގެ ޖޯން އަށް ކޮވިޑް-19 އިގެ ބަލި ޖެހުނީ މިދިޔަ މަހު އެވެ. އެއީ އޭނާގެ 21 އަހަރުގެ ދަރިފުޅު އެކުވެރިންނާއެކު ބޭރަށް ގޮސް ފޭސް މާސްކް ނަގައިގެން އެމީހުންނާއެކު މަޖާކުރަން އުޅެފައި ގެޔަށް އައިއިރު ވައިރަސް ހިފައިގެން އައުމުން މުޅި އާއިލާއަށް ބަލި ޖެހުނީމަ އެވެ.

ދުވަސްކޮޅެއް ފަހުން މި ޒުވާނާ އަށް ވެސް އަރިދަފުސް ރޯގާގެ އަސަރުތަކެއް ކުރަން ފެށި އެވެ. އެއާއެކު އޭނާ އެކުގައި މަޖާކުރަން ބޭރުގައި އުޅުނު ގްރޫޕްގައި ހިމެނޭ ކުއްޖަކު ޕޮޒިޓިވްވީ ވާހަކަ އެ ކުއްޖާ މި ޒުވާނާ ގާތު ބުންޏެވެ. އެއާއެކު މި އާއިލާގެ އެންމެން ޓެސްޓްކުރިއިރު ފަސް މީހުން ތިބޭ މި އާއިލާގެ އެންމެން ވެސް ޕޮޒިޓިވް ކަން އެނގުނެވެ. އެންމެ ބޮޑުވަރުވީ ޖޯން ޕްލޭސް އަށެވެ. ހަތަރު ދުވަސް ވަންދެން ހުން އައިސް ކެއްސާ އެންމެ ފަހުން ނޭވާ ލާން ދަތިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އެވެ. އޭރުއްސުރެ އޭނާ އޮތީ ހޮސްޕިޓަލުގައި ވަރަށް ބަލި ހާލު ބޮޑުވެފަ އެވެ.

ޖޯން ޕްލޭސްގެ އަންހެނުން އަދި 21 އަހަރުގެ ޒުވާނާގެ ދޮން މަންމަ މިޝޭލް ޒީމެޓް މިއާމީގެ ލޯކަލް ޓީވީއަކަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ ދޮންދަރިފުޅު ކައިރީގައި ބޭރަށް ނުދިއުމަށާއި ފޭސް މާސްކް އަޅައިގެން އުޅުމަށް ތަކުރާރުކޮށް އޭނާ ނަސޭހަތްތެރިވި އެވެ.

"ގެއިން ބޭރަށް އޭނާ ދާން ނުކުންނަ ކޮންމެ ފަހަރަކު އަހަރެން ބުނަން ސެނިޓައިޒާ ހިފައިގެން މާސްކް އަޅައިގެން ދާށޭ. އަދި އަބަދު އަތް ދޮވެ ހަދައްޗޭ ބޭރުގަ އުޅޭއިރު،" މިޝޭލް ބުންޏެވެ.

މިޝޭލް ބުނި ގޮތުގައި "ހާސް ނުވާށޭ، ހުރިހާ ކަމެއް ވެސް ބަރާބަރަށް ކުރަމޭ" ދޮންދަރިފުޅު ބުނެ އެވެ.

މިޝެލް ބުނީ އޭނާގެ ފިރިމީހާ އާއި އާއިލާއަށް ކޮވިޑް ޖެހުނީ ދޮން ދަރިފުޅުގެ ސަބަބުންނޭ ބުނާތީ ބައެއް މީހުން އޭނާއަށް މަލާމަތްކޮށް އެއްޗެތި ކިޔަ އެވެ. އަދި އޭނާ އަކީ ވަރަށް ގޯސް ދޮންމަންމަ އެއް ކަމަށް ބުނެ އެވެ. ނަމަވެސް ހަގީގަތުގައި އޭނާ މި ވާހަކަ މީޑިއާއަށް ކިޔައިދިނީ މިކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ކަމަށް މިޝޭލް ބުންޏެވެ. މިފަދަ ގޮތަކަށް ވެސް އާއިލާއަކަށް ބަލި އަރައި މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވިސްނުމަށް އެންމެންނަށް ވެސް އޭނާ އިލްތިމާސް ކުރި އެވެ.