ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޝަރުތު ހަމަނުވާ މީހަކު ނެގި އިންކަމް ސަޕޯޓް ފައިސާ ރައްދުކުރަން ހުކުމެއް

ކޮވިޑް 19ގެ ދުވަސްވަރު ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވެ އެ ފައިސާ ހޯދި މީހެއްގެ މައްޗަށް، އެ ފައިސާ އަނބުރާ ރައްދުކުރަން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވަނީ އަހްމަދު ސިމްހާން ކިޔާ މީހެއްގެ މައްޗަށެވެ.

މިމައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އިންކަމް ސަޕޯޓަށް ސިމްހާން ޝަރުތު ހަމަ ނުވި ނަމަވެސް އޭނާއަށް ވަނީ ސަރުކާރުން 10،000 ރުފިޔާ އިންކަމް ސަޕޯޓްގެ ގޮތުގައި ކޮވިޑް ދުވަސްވަރު ދޫކޮށްފަ އެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ އެ ފައިސާ އަނބުރާ ހޯދާށެވެ.

އިކޮނޮމިކް މިނިސްޓްރީން ދައުވާ ކުރި މި މައްސަލައިގައި ދައުވާއާ ގުޅޭ ލިޔެކިޔުންތައް ސިމްހާންއާ ހަވާލު ކުރި ނަމަވެސް އޭނާ ޝަރީއަތަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރު ގައެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސިމްހާންއަކީ އިންކަމް ސަޕޯޓަށް އެދުނުއިރު، ގެޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެކެވެ.

ސިވިލް ކޯޓުގެ ހުކުމުގައި އަންގާފައިވަނީ ދެ ހަފްތާ ތެރޭ އެ ފައިސާ އަނބުރާ ރައްދު ކުރުމަށެވެ.

މާލެ އިން ދެކުނުގެ ރަށަކަށް ނިސްބަތްވާ އަންހެނެއްގެ މައްޗަށްވެސް، އޮޅުވާލައިގެން އިންކަމް ސަޕޯޓް ހޯދާފައިވާތީ އެ ފައިސާ އަނބުރާ ރައްދު ކުރުމަށް މި ފަހުން ހުކުމެއް ކޮށްފައިވެ އެވެ.