ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރަމުންދާ "މަސްޖިދު މަލިކު ސަލްމާން" ނުވަތަ ސަލްމާން މިސްކިތް ބަލާުލުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މުހައްމަދު އަސްލަމަށް އެކަމަށް އެދި ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ބުނެފައިވަނީ ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރަމުންދާ "މަސްޖިދު މަލިކު ސަލްމާން" ހުޅުވުން ލަސްވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
"..އެ ކަންބޮޑުވުންތަކާއި ގުޅިގެން މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި މިސްކިތުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާލުމަށް މި ކޯލިޝަނުން ބޭނުންވޭ،"
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިސްކިތް ބަލާލުމަށްދާ ޓީމުގައި 20 ބޭފުޅަކު ހިމެނޭނެ ކަމަށާ އެހެން ކަމުން ސަލްމާން މިސްކިތަށް ޒިޔާރަތްކޮށް މިސްކިތުގެ މަސައްކަތްތައް ހިންގަމުންދާ ގޮތް ބަލާލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން ފެށި މިސްކިތް ހުޅުވަން މި ސަރުކާރުން އެކި ތާރީހުތައް ދީފައިވެއެވެ. ނަމަވެސް މިހާތަނަށްވެސް މިސްކިތުގެ މަސައްކަތް މުޅިން ނިންމާލާ ހުޅެވޭގޮތް ވަނީ ނުވެފައެވެ.
މިހާތަނަށް ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ހިތްގައިމު މިސްކިތަކަށްވާނީ މި މިސްކިތެވެ. މުޅި މިސްކިތުގައި ވަނީ ކާޕެޓް އަޅާފައެވެ.
ފަސް ފްލޯއެއް ހިމެނޭ ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރާ ގޮތައް ހަދާފައި ވަނީ ގްރައުންޑް ފްލޯއާއި ފުރަތަމަ އަދި ދެވަނަ ފްލޯ އެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވެ އެވެ.
ސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.
މިސްކިތުގެ ތިންވަނަ ފްލޯގައި ހުންނަނީ ބޮޑު ލައިބްރެރީއަކާއި އޮޑިޓޯރިއަމެކެވެ. އެ ދެ ތަނުގެ އިންފްރާސްޓްރަކްޗާ މަސައްކަތް ނިންމާލާފައިވީ ނަމަވެސް ލައިބްރެރީއަށް ބޭނުންވާ ފަރުނީޗަރެއް އަދި ނެތެވެ. ހަތަރުވަނަ ފްލޯގައި އެއްކޮށް އޮންނަނީ އޮޑިޓޯރިއަމްގެ އެއް ބަޔާއި ލޮބީ އޭރިއާއެކެވެ. އަދި ފަސް ވަނަ ފްލޯއަކީ މަލްޓި ޕާޕަސް ހޯލްއެކެވެ.
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މި މިސްކިތުގައި 41500 އަކަފޫޓުގެ ޖާގައެއް ހުރެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ވެސް ވަނީ ހަަދައިފަ އެވެ.