ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރަމުންދާ "މަސްޖިދު މަލިކު ސަލްމާން" ނުވަތަ ސަލްމާން މިސްކިތް ހުޅުވުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން ފެށި މިސްކިތް ހުޅުވަން މި ސަރުކާރުން އެތައް ތާރީހެއް ވަނީ ދީފައެވެ. ނަމަވެސް ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ހުޅުވޭނެ ތާރީހެއް ނޭންގޭ ކަމަަށް ބުނެފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާމެދު އިދިކޮޅުން ދެކޭ ގޮތް ހާމަކުރުމަށް މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އިސްލާމީ ހަޟާރަތު ފެތުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. ސަލްމާން މިސްކިތް ހުޅުވުން ސަރުކާރުން ފަސް ކުރަމުންދާ ކަމަށާ އެ މިސްކިތް ހުޅުވުމުގެ ވިސްނުމެއް ސަރުކާރުގެ ހުރި ހެން ހީނުވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން މިދަނީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ އިސްލާމީ ހަޟާރަތު ފެތުރުމަށްޓަކައި ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ފަނޑުވެގެން ހިނގައްޖެކަން. ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މާލޭގެ އިރުމަތީ ކޮޅުގައި ރައީސް ޔާމީން އަބްދުއްގައްޔޫމުގެ ޒަމާއަތުގައި ފެއްޓެވި ވަރަށް ރީތި މިސްކިތެއް ވަރަށް ރީތި ބިނާއެއް އެބަހުރި. އެ މިސްކިތް ނިމިފައިވާތާ ކިތަންމެ ދުވަހެއް ވެއްޖެ. އެ ތަން ހުޅުވުމުގެ ވިސްނުމެއް ސަރުކާރުގެ އޮތް ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޕީއެންސީގެ ޕީޖީ ލީޑަރަކަށްވެސް ހުންނެވި އާދަމް ޝަރީފް ވިދާޅުވިއެވެ.
އަނިޔާވެރި ހަމަލާތަކެއްގައި އަވާހަރަ ކޮށްލެވުނު ޑރ.އަފްރަޝީމް އަލީގެ ހަނދާނުގައި އެމަނިކުފާނު ނިސްބަތްވާ އުނގޫފާރުގައި ކުރީ ސަރުކާރުން އިމާރާތްކުރި ބިނާވެސް ހުޅުވުން ފަސް ކުރަމުންދާތީ އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރިއެވެ.
މިހާތަނަށް ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ހިތްގައިމު މިސްކިތަކަށްވާނީ ކިންގް ސަލްމާން މިސްކިތެވެ. މުޅި މިސްކިތުގައި ވަނީ ކާޕެޓް އަޅާފައެވެ. ފަސް ފްލޯއެއް ހިމެނޭ ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރާ ގޮތައް ހަދާފައި ވަނީ ގްރައުންޑް ފްލޯއާއި ފުރަތަމަ އަދި ދެވަނަ ފްލޯ އެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވެ އެވެ.
މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.
މިސްކިތުގެ ތިންވަނަ ފްލޯގައި ހުންނަނީ ބޮޑު ލައިބްރެރީއަކާއި އޮޑިޓޯރިއަމެކެވެ. އެ ދެ ތަނުގެ އިންފްރާސްޓްރަކްޗާ މަސައްކަތް ނިންމާލާފައިވީ ނަމަވެސް ލައިބްރެރީއަށް ބޭނުންވާ ފަރުނީޗަރެއް އަދި ނެތެވެ. ހަތަރުވަނަ ފްލޯގައި އެއްކޮށް އޮންނަނީ އޮޑިޓޯރިއަމްގެ އެއް ބަޔާއި ލޮބީ އޭރިއާއެކެވެ. އަދި ފަސް ވަނަ ފްލޯއަކީ މަލްޓި ޕާޕަސް ހޯލްއެކެވެ.
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މި މިސްކިތުގައި 41500 އަކަފޫޓުގެ ޖާގައެއް ހުރެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ވެސް ވަނީ ހަަދައިފަ އެވެ.