ޓޮޓެންހަމް ހޮޓްސްޕާ

ގަދަ ހަތަރަކުން ފުރޮޅާލުމުގެ ބިރު ލެސްޓާއަށް

ހެރީ ކޭން، ކާމިޔާބު ކުރި ދެ ލަނޑާއެކު ޓޮޓެންހަމް ހޮސްޓްސްޕާސް އިން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށް ޔޫރޮޕާ ލީގްގެ ޖާގަ ހޯދުމާ ކައިރިއަށް ޖެހިލިއިރު މެޗުން ބަލިވުމުން ގަދަ ހަތަރަކުން ފުރޮޅައި ލުމުގެ ބިރު ލެސްޓާއަށް ކުރިމަތި ވެއްޖެ އެވެ.

ރޭ އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީ އަތުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް ވަނީ އެ ޓީމު ލީގްގައި ކުޅެން ޖެހޭ މެޗުން މޮޅުވެގެން ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ތަނަވަސް ވެފަ އެވެ. މާދަމާ ރޭ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ޔުނައިޓެޑް ގަދަ ހަތަރަކަށް ވަންނާނެ އެވެ. ލީގްގެ އެންމެ ފަހު މެޗު ޑޭ ގައި، ލެސްޓާ އާއި ޔުނައިޓެޑް ކުޅޭ މެޗު ވެގެން ދާނީ ފޯރިގަދަ މެޗަކަށެވެ.

ޓޮޓެންހަމް ހޮޓްސްޕާސްގެ ދަނޑުގައި، ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑަކީ މެޗުގެ ހަ ވަނަ މިނެޓްގައި ލެސްޓާގެ ޖޭމްސް ޖަސްޓިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ވުމުގައި ވެސް ކޭން ދައުރު އޮތެވެ.

ސަން ހިންގްމިން ކޭން ދިން ބޯޅަ، ސަން ފޮނުވާލުމުން ބޯޅަ މިސްރާބު ބަދަލުވެ ގޯލަށް ވަނީ ޖަސްޓިން ފައިގައި ޖެހިފަ އެވެ. ދެ ވަނަ ލަނޑު ކޭން ކާމިޔާބު ކުރީ ކައުންޓަ އެޓޭކުގައި އުފެއްދި ފުރުސަތުގައި ލޫކަސް މޯރާ ދިން ބޯޅައިންނެވެ. އޭގެ ފަހުން ވެސް ސަން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

ތިން ވަނަ ލަނޑުވެސް ކޭން ކާމިޔާބު ކުރީ މޯރާ ދިން ބޯޅައިންނެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލީ ގޯލްގެ ދުރު ކަނަށް އަމާޒުކޮށް ގޯލްގެ ދަނޑީގައި ޖައްސާލުމަށް ފަހު އެވެ. ބޯޅަ ސަލާމަތް ކުރަން ޝްމައިކަލްއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.