މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ޗެލްސީ ނުކުންނަން ޖެހިއްޖެ އެވެ.
ލަންޑަންނަށް ނިސްބަތްވާ ދެ ކުލަބު ފައިނަލުގައި ވާދަ ކުރާއިރު، އުތުރު ލަންޑަނަށް ނިސްބަތްވާ އާސެނަލް ފައިނަލުން ޖާގަ ހޯދީ މެންޗެސްޓާއަށް ނިސްބަތްވާ، މެންޗެސްޓާ ސިޓީ ބަލި ކުރުމަށް ފަހު އެވެ. ސެމީ ފައިނަލް ފަހު މެޗުގައި، ޔުނައިޓެޑާ ޗެލްސީ ވެމްބްލީގައި ކުޅުނު މެޗަށް ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޯލްޝަޔާ ގެނައި އެންމެ ބޮޑު ބަދަލަކީ، އާންމުކޮށް ޑޮމެސްޓިކް ކަޕްގައި ގޯލް ބަލަހައްޓަން ފުރުސަތު ދޭ، ސާޖިއޯ ރޮމޭރޯ ބެންޗަށް ބަދަލުކޮށް، އެއް ވަނަ ކީޕަރު ޑޭވިޑް ޑެހެއާ އަށް މެޗުން ފުރުސަތު ދިނުމެވެ.
ލީގް ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ފުރުސަތު ދިނީ ޑެހެއާ އަށެވެ. ފުރަތަމަ ލެގްގައި 1-0 ން މޮޅުވި ނަމަވެސް ދެ ވަނަ ލެގް ބަލިވެ އެ މުބާރާތުގައި ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ޔުނައިޓެޑަށް ނުލިބުނެވެ. ރޭ ގެ ސެމީ ފައިނަލު މެޗުގައި ޑެހެއާގެ ފަރާތުން ފެނުނު ކުޅުމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުގައި ބުނެފައި ވަނީ، ޔުނައިޓެޑް އެންމެ ބޭނުންވާ މެޗުތަކުގައި ކުލަބު ބޭނުންވާ ފެންވަރުގައި ޑެހެއާއަށް ޕާފޯމް ކުރެވޭތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
ސޮލްޝަޔާގެ ޓީމު ލިސްޓްގައި، ޕައުލް ޕޮގްބާ އާއި އެންތޮނީ މާޝިއަލް އަދި މޭސަން ގްރީންވުޑް ހިމަނާފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ. ނަމަވެސް ޑެހެއާ ބެންޗަށް ލުމުގެ ބަދަލުގައި އޭނާއަށް މެޗުން ފުރުސަތު ދިނީ އެވެ.
ޗެލްސީން ލީޑް ނެގީ ފުރަތަމަ ހާފުގެ ފަހު ވަގުތުގަ އެވެ. އެ ޓީމަށް ލިޑް ނަގައި ދިނީ މިހާރު ރަނގަޅު ފޯމެއްގައި ހުރި އޮލިވާ ޖިރޫޑް އެވެ. ކެޕްޓަން ސެޒާ އަޒްޕްލިކްއޭޓާ ތަނަވަސް ކޮށްދިން ފުރުސަތުން ގޯލް ކާމިޔާބުކޮށް ޖިރޫޑް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.
އަޒްޕްލިކްއޭޓާ ނަގައިދިން ހުރަހުގައި ޖިރޫޑް ފައިން މަޑުމަޑުން ބޯޅަ ކޮށްޕާލިއިރު އެ ބޯޅަ ގޯލަށް ވަނީ ޑެހެއާ އަތުގައި ޖެހިފައި ވެއްޓި ގޯލްގެ ތެރެއަށް ފުރޮޅިގެން ގޮހެވެ. ޗެލްސީގެ ދެ ވަނަ ލަނޑު ވަނުމުގައި ވެސް ޑެހެއާގެ ފަރާތުން ފެނުނީ ފީކަޅާ ގޯހެކެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ޔުނައިޓެޑްގެ އޭރިއާގެ ބޭރުން މޭސަން މައުންޓް ފޮނުވާލި ބޯޅަ ޑެހެއާ އަތުގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނީ އެވެ.
އޭގެ ފަހުން ޗެލްސީން ނެގި އެހެން ހުރަހެއްގައި ޖިރޫޑް ފޮނުވާލި އެހެން ބޯޅައެއް ޑެހެއާ ހުށިޔާރު ކަމާއެކު ދިފާއު ކުރި އެވެ. ޗެލްސީގެ ތިން ވަނަ ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގްއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީގެ މާކޮސް އޮލޮންސޯ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް އެންޓޯނިއޯ ރޫޑިގާ ފޮނުވާލަށް މަސައްކަތް ކުރުމުން މެގްއާ މަސައްކަތް ކުރީ ރޫޑިގާއަށް ފުރުސަތު ނުދީ އެ ބޯޅަ ދިފާއު ކުރުމަށެވެ. އެހެން ނަމަވެސް އޭނާގެ ފައިގައި ޖެހިފައި އެ ބޯޅަ ވަނީ ބައިކޮޅަށެވެ.
ޔުނައިޓެޑްގެ ހަމައެކަނި ލަނޑު، ބުރުނޯ ފެނާންޑޭޒް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެފްއޭ ކަޕް ފައިނަލު މެޗު އޮންނާނީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ.