ބޮޑު ބަލިމަޑުކަމެއް ދުނިޔެއަށް ފެތުރި އެތައް މިލިއަން ކުދިންނެއް ވަނީ ތައުލީމުން މަހްރޫމް ވެފަ އެވެ. ޚާއްސަކޮށް އިންޑިޔާ ކަހަލަ އާބާދީ ބޮޑު ގައުމެއްގައި އޮންލައިންކޮށް ކިޔެވުން ވެސް ކުދިންނަކަށް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންވެ ބައެއް ސްޓޭޓްތަކުގައި ޓެލެވިޒަން ކްލާސްތައް ބާއްވައިގެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެ އެވެ. ސަބަބަކީ އޮންލައިން ކްލާސްތައް ހިންގުމުން ފަގީރު ކުދި އަވަށްތަކުގެ ކުދިންނަށް އެ ކްލާސްތަކުގައި ބައިވެރި ނުވެވޭތީ އެވެ.
އަދިވެސް އިންޑިޔާގެ ބޮޑު އާބާދީއަކަށް އިންޓަނެޓަށް ވަނުމަށް ބޭނުންވާ ޑިވައިސް އާއި ނެޓްވޯކް ކަނެކްޝަން ނުލިބެ އެވެ. އަދި ލިބޭ މަދު މީހުންނަށް ވެސް ނެޓްވޯކް ސިގްނަލް ދައްކަމުން ގިނަ މައްސަލަތަކެއް ކުރިމަތިވެ އެވެ.
ރާޖަސްތާނުގެ ކުއްޖެއް ކަމަށްވާ ހަރިޝް އަކީ ވެސް މިގޮތަށް ނެޓްވޯކް ނުލިބޭތީ އޮންލައިން ކްލާސްތަކުގައި ބައިވެރިވުމުގައި ވަރަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކުއްޖެކެވެ.
ގޭގައި ހުރެގެން އެއްގޮތަކަށް ވެސް އޭނާއަށް އޮންލައިން ކްލާހަކަށް ވަދެވޭ ގޮތެއް ނުވެ އެވެ. ނެޓްވޯކް ސިގްނަލް ނުލިބޭތީ އެވެ. އެހެންވެ އޭނާ މިހާރު ކޮންމެ ދުވަހަކު ވެސް ކްލާސް އޮންނަ ގަޑީގެ މާ ކުރިން ކައިރީގައި އޮންނަ ބޮޑު ފަރުބަދައަކަށް އަރަނީ އެވެ. ފަރުބަދައިގެ ވަރަށް އުހަށް އެރުމުން އޮންލައިން ވެވޭވަރަށް އޭނާގެ ޑިވައިސް އަށް ސިގްނަލް ލިބޭތީ އެވެ.
ފާއިތުވީ ދޮޅު މަސް ދުވަހު ހަރީޝް ވަނީ ކިޔެވުމަށްޓަކައި ކޮންމެ ދުވަހަކު މި ފަރުބަދައަށް އަރާފަ އެވެ. އޭނާ ފަރުބަދައަށް އަރަން ދަތުރު ފަށަނީ ހެނދުނު 8.00 ގައެވެ. ކްލާސް ނިމުނީމަ ގެއަށް އާދެވޭއިރު ހުންނަނީ މެންދުރު 2.00 ޖަހާފަ އެވެ.
ހަރީޝް ބުނި ގޮތުގައި އޭނާ ކަހަލަ ވަރަށް ގިނަ ކުދިންނަށް މިހާރު އެއްގޮތަކަށް ވެސް ކިޔެވޭނެ ގޮތެއް ނެތެވެ. އޮންލައިން ކްލާސްތަކަށް ވަންނަ ވަރަށް އިންޓަނެޓު ކަނެކްޝަން ނުލިބޭތީ އެވެ.
ހަރީޝް އަކީ މި މައްސަލަ ދިމާވި ގިނަ ކުދިން ތަކުގެ ތެރެއިން އެއް ކުއްޖެކެވެ. ބައެއް ކުދިން ބޮޑެތި ގަސް ގަހުގެ ކުރިޔަށް އަރައިގެން ވެސް އޮންލައިން ކްލާސް ތަކަށް ވަދެވޭތޯ މަސައްކަތް ކުރެ އެވެ.