ކޮރޯނާވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުންދާ އެއް ގައުމަކީ އިންޑިޔާ އެވެ. އިންޑިޔާގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް ގޮސްފައިވާއިރު އަދިވެސް ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. ކޮންމެ ދުވަހަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދު ކުރީދުވަހަށް މާ ބޮޑަށް ވެސް އިތުރުވަމުން ދިއުމަކީ ވެސް އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް 25،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި ބަލި މީހުންނަށް ޚިދުމަތްކުރުމުގައި ރެޔެއް ދުވާލެއް ނެތި މަސައްކަތްކުރަމުންދިޔަ ޑޮކްޓަރުންގެ ތެރެއިން 100 އަށް ވުރެ ގިނަ ޑޮކްޓަރުންގެ ފުރާނަ ގޮސްފައި ވެއެވެ.
މިހާރު ޚިދުމަތުތަކުގައި ތިބި މީހުންގެ ތެރެއިން ވެސް ގިނަ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ގިނަ ސިއްހީ ޚިދުމަތްތެރިން އުޅެން ޖެހިފައިވަނީ ވަރަށް ދަތި ހާލުގަ އެވެ. އެމީހުން އުޅޭ ހާލު ވަޒަންކޮށްލަން ވެސް އެނގޭނީ އެފަދަ ކަމެއް ތަޖުރިބާކޮށްފައިވާ މީހަކަށް އެކަންޏެވެ.
ސާޅީސް ޑީގްރީ ހޫނުގައި ޕީޕީއީ ސޫޓްގައި މަސައްކަތްކުރަމުންދާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ބައެއް މީހުން މަސައްކަތްކުރާ ތަންތަނުގައި އެއާކަންޑިޝަނެއް ވެސް ނެތެވެ. މިހާ ހޫނުގަދަ ހެދުމެއް އަޅައިގެން 40 ޑިގްރީ ހޫނުގައި އެއާކޯން ނެތް ތަނެއްގައި މަސައްކަތްކުރާއިރު އެމީހުންނަށް ވާނެ ވަރު ހީކޮށްލާށެވެ. ޚާއްސަކޮށް އައިސީޔޫގައި ތިބޭ އެންމެ ހާލުބޮޑު ބަލި މީހުންނަށް ޚިދުމަތްދިނުމުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ރޭ ދުވާ ހޭދަކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންގެ ހާލު އަދި މިއަށް ވުރެ ވެސް މާ ބޮޑެވެ.
އިންޑިޔާގެ ނޮއިޑާގައި ހުންނަ ޝާރްދާ ހޮސްޕިޓަލަކީ ވެސް ކޮވިޑް-19 އަށް ފަރުވާ ދޭ މަރުކަޒެކެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ހާލަތު މިހާރު ވަނީ ވަރަށް ގޯސް ވެފަ އެވެ.
އައިސީޔޫގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ޑރ. ޝަވްކަތު ނާޒިރު ވިދާޅުވީ އެއާ ކަންޑިޝަން ނެތް އައިސީޔޫއެއްގައި ފުލް ޕްރޮޓެކްޓިވް ގިއާ އެއްގައި މަސައްކަތްކުރުމަކީ ވަރަށް ތަކުލީފު ހުރިކަމެކެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ބަލިމީހުންނަށް ޚިދުމަތްކުރުމުގައި ދެމިހުރި މި ޑޮކްޓަރު ބުނީ 40 ޑިގްރީ ހޫނުގައި މި ހެދުމުގައި އުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ސަބަބަކީ އަބަދުވެސް މީހާ ހުންނަނީ ދަލުން ފެންވެރިވެރި ކަމަށް ވާތީ އެވެ.
ޝާރްދާ ހޮސްޕިޓަލަކީ ސަރުކާރުގެ އެންގުމާ އެއްގޮތަކަށް ކޮވިޑް-19 ބަލިމީހުންނަށް ހިލޭ ފަރުވާ ދޭ ހޮސްޕިޓަލެކެވެ. މީގެ މާނައަކީ މިތަނަށް އަންނަ ގިނަ މީހުންނަކީ އިންތިހާއަށް ފަގީރު މީހުންނެވެ. އަމިއްލަ ޚަރަދުގައި ބޭސް ފަރުވާ ނުކުރެވޭ ވަރުގެ ނިކަމެތިންނެވެ. އެހެންނަމަވެސް ޑރ. ނާޒިރު ކަހަލަ އެއްވެސް ސިއްހީ ޚިދުމަތް ތެރިއަކު ނިކަމެއްޗަށް މުއްސަންޖެއް ފަރަގެއް ނުކުރާނެވެ. ކޮންމެ އިންސާނެއްގެ ވެސް ފުރާނަ ސަލާމަތްކުރަން ވެސް އެމީހުންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނެ އެވެ.
ޑރ. ނާޒިރުއާއެކު މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން މިހާ ހޫނުގަދަ ހެދުމެއްގައި މަސައްކަތް ކުރާއިރު ކިތަންމެ ވަރަކަށް ދާހިތްލިޔަސް ފިނި ކޮށްލެވޭނެ ގޮތެއް ނެތެވެ. މާ ހޫނުއިރު އަދި ދާހިތްލާއިރު ކަރުހިއްކައިގަނެގެން ފެން ވެސް ބޮވާނު ވަރު ހީކޮށްލާށެވެ. ނަމަވެސް ފާޚާނާއަށް ދާން ޖެހިދާނެތީ ފެން ފޮދެއް ވެސް ބޮވޭކަށް ނެތެވެ. ކުޑަކަމަކު ދާން ވެސް ފާޚާނާއަށް ވަންނަ ނަމަ ޕީޕީއީ ސޫޓް އެއްކޮށް ބާލަން ޖެހޭތީ އެވެ. އަދި އަލުން އެ ސޫޓެއް ދެ ވަނަ ފަހަރަކަށް ނުވެސް ލެވޭނެ އެވެ. ވީމާ އެމީހުން ޑިއުޓީ ނިމެންދެން ފެން ވެސް ބޮއިގެން ވާކަށް ނެތެވެ.
އިންޓެންސިވް ކެއާ ޔުނިޓުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރެއް ކަމަށްވާ އަބީޝެކް ދޭޝްވާލް ބުނީ ބޮޑީސޫޓްގައި މަސައްކަތްކުރުމަކީ ސްޓާފުންގެ ސްޓްރެސް ދެ ގުނަ ވާ ކަމެކެވެ. ނަމަވެސް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރެވޭތޯ އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދޭން މިހާ ބުރަކޮށް އަދި ނަފްސާނީ ގޮތުން އުނދަގޫކޮށް މަސައްކަތްކުރާ ސްޓާފުންނަށް މިގޮތަށް އުޅެން ޖެހުމުން އާއިލީ ގުޅުމަށް ވެސް ބުރޫ އަރަ އެވެ. ސަބަބަކީ ނަފްސާނީ ގޮތުން އެމީހުންނަށް ލިބިފައި ތިބޭ ވަރުބަލި ކަމެވެ.
ޑރ. ޝައުކަތު ބުނި ގޮތުގައި ކަޝްމީރުގައި ދިރިއުޅޭ އޭނާގެ އާއިލާ ނުދެކޭތާ އެތައް މަހެއް ވެއްޖެ އެވެ. މާޗް މަހު ކޮވިޑް-19ގެ ވަބާ ފެތުރެން ފެށީއްސުރެ އޭނާ އާއިލާގެ އެއްވެސް މީހަކު ހަމަލޮލުން ނުދެކެ އެވެ.
އައިސީޔޫގައި އަބަދާ އަބަދު ކުރަންޖެހޭ ހިތްދަތި ތަޖުރިބާތަކުގެ ސަބަބުން އެމީހުންގެ ސިކުނޑިއަށް އަބަދާ އަބަދު ހުންނަނީ އަސަރު ކޮށްކޮށް ކަމަށެވެ. ޑރ. ޝައުކަތު ވިދާޅުވި އެވެ. އަދި ފުރާނަދާ ކޮންމެ މީހަކާ އެކު އެމީހުންނަށް ނަފްސާނީ ގޮތުން ކުރާ އަސަރުތައް އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.
"ކޮވިޑް ޖެހި ހާލު ބޮޑުވެފައި ތިބޭ ބައެއް މީހުންނަށް ވާނުވާ ނޭނގޭ ހާލު ތިބެނީ. އެމީހުން އެއްޗެއް ކާކަށް އެއްބަހެއް ނުވޭ. ޓިއުބުތައް ނައްޓާލަން ވެގެން ގަދަހަދާ ވަރަށް ހަރުކަށިކަން ވެސް ބައެއް މީހުން ދައްކާ،" ޑޮކްޓަރު ވިދާޅުވި އެވެ.
ނަމަވެސް މި ހުރިހާ ވަގުތެއްގައި ވެސް ޑޮކްޓަރުންނާއި ނަރުހުންނަށް ޖެހެނީ އެމީހުންގެ ފިކުރުތައް ހަނދާން ނައްތާލައި ކެތްތެރިކަމާއެކު ޚިދުމަތްކުރާށެވެ.