ކަންގަނާ

ކަންގަނާ އަނެއްކާވެސް ބޮލީވުޑް ހިލުވާލައިފި

ކަންގަނާ ރަނާވަތުގެ ވަރަށް ވަރުގަދަ އިންޓަވިއުއެއް ޓީވީ ޗެނަލަކުން ދެއްކުމާ ގުޅިގެން އަނެއްކާ ވެސް ބޮލީވުޑް ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒު ވެއްޖެ އެވެ. ކަންގަނާގެ މިފަހަރުގެ އިންޓަވިއުގައި މިހާރު އިންޑަސްޓްރީގައި ތިބި އެންމެ ވަރުގަދަ މީހުންގެ ތެރޭގައި ހިމެނޭ އަދިތުޔާ ޗޯޕްޅާ އާއި ކަރަން ޖޯހަރް އަދި މަހޭޝް ބަޓް އާއި ޖާވީދު އަޚްތަރަށް ބަހުގެ ހަމަލަތައް ރައްދު ކޮށްފައި ވެއެވެ.

ކަންގަނާގެ އިންޓަވިއުގައި ބޮޑަށް އަލިއަޅުވާލީ އިންޑަސްޓްރީގައި އޮތް ތަފާތު ކުރުންތަކުގެ މައްޗަށެވެ. އަދި އޭނާގެ ކެރިއަރު ފުނޑުފުނޑު ކޮށްލައި މާލީ ގޮތުން ގެއްލުންދީ އޭނާއަށް ލަނޑު ދޭން އިންޑަސްޓްރީގެ ބައެއް މީހުން ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުންޏެވެ.

ކަންގަނާގެ ރުޅި އަމާޒުވީ މީހުންނާ އޭނާ މުޚާތަބު ކުރަނީ "މޫވީ މާފިއާ" ގެ ނަމުންނެވެ. ދާދިފަހުން އަމިއްލައަށް މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކެރިއަރު ވެސް ވަރަށް ރާވައިގެން މިމީސްމީހުން ވެގެން ހަލާކުކޮށްލިކަމުގެ ތުހުމަތު ވެސް ކަންގަނާ ކުރި އެވެ.

ކަންގަނާ ތުހުމަތުކުރި ގޮތުގައި ޔާޝްރާޖް ފިލްމްސްގެ އިސްވެރިޔާ އަދިތުޔާ ޗޯޕްޅާ ވަނީ ސުޝާންތުގެ ސިކުނޑިއަށް ގެއްލުން ލިބޭ ކަހަލަ ގޮތަކަށް އޭނާއާ ދޭތެރޭ ކަންތައް ކޮށްފަ އެވެ. އަދި ސުޝާންތުގެ "ޑްރައިވް" އޮންލައިންކޮށް ރިލީޒްކޮށް ކަރަން ޖޯހަރް ވަނީ ސުޝާންތުގެ ކެރިއަރަށް ހުރަސް އަޅާފަ އެވެ.

ކަންގަނާ ބުނި ގޮތުގައި ސަންޖޭ ލީލާ ބާންސާލީގެ ފިލްމުގައި ސުޝާންތަށް މަސައްކަތް ކުރުމުގެ ހުއްދަ އަދިތުޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް އިން ނުދިނީ ކަމަށެވެ. އަދި ސުޝާންތުގެ މަރާ ގުޅިގެން މިހާރު ކުރިޔަށްދާ ތަހުގީގަށް ބޮލީވުޑްގެ ބޮޑެތި މީހުން ހާޒިރުކުރުމަށް ފުލުހުންނަށް ނުކުޅެދިފައިވާ ކަމަށް ބުނެ އެ މީހުންނަށް ވެސް ކަންގަނާގެ ރުޅިގަނޑު ބޭލި އެވެ.

ނަމަވެސް މުމްބައި ފުލުހުންގެ ތަހުގީގަށް އަދިތުޔާ ޗޯޕްޅާ ވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ. އަދި ޑައިރެކްޓަރު ޝޭކަރް ކަޕޫރާއި ބާންސާލީ ފަދަ ގިނަ ބައެއްގެ ބަޔާންތައް ވެސް ނަގާފައި ވެއެވެ.

ކަންގަނާ ތުހުމަތު ކުރި ގޮތުގައި ޔާޝްރާޖުން ޕްރޮޑިއުސްކުރި ސަލްމާން ޚާންގެ "ސުލްތާން"ގެ ބަތަލާގެ ބައި އޭނާ ގަބޫލު ނުކުރުމުން އަދިތުޔާ ޗޯޕްޅާ އޭނާއަށް ބިރުދެއްކި އެވެ. އޭނާގެ ކެރިއަރަށް ނިމުނީކަމަށް ބުނި ކަމަށެވެ. އަދި މަހޭޝް ބަޓްގެ ފިލްމެއްގެ ސްކްރިޕްޓް ކަމުނުގޮސްގެން ގަބޫލުނުކުރުމުން އޭނާ ކަންގަނާ އާ ދިމާލަށް ބޫޓުކިބަ ހޫރާލި ކަމަށް ވެސް ކަންގަނާ ބުންޏެވެ.

ކަންގަނާ އިތުރަށް ބުނީ ސުޝާންތުގެ މައްސަލައިގައި އޭނާ ދައްކަމުންދާ ވާޙަކަ ތަކަކީ ހަގީގަތެއްކަން ސާބިތުކޮށް ނުދެވިއްޖެނަމަ އިންޑިޔާ ސަރުކާރުން އޭނާއަށް ދީފައިވާ އެ ގައުމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަކަށްވާ ޕަދްމާޝްރީ އެވޯޑޫ އަނބުރާ ސަރުކާރާ ހަވާލުކުރަން އޭނާ ތައްޔާރެވެ.

ކަންގަނާ މި އިންޓަވިއުގައި ދެއްކި ވާހަކަ ތަކަށް ބައެއް އެކްޓަރުންނާއި ޑައިރެކްޓަރުން ސޯޝަލް މީޑިއާގައި ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ. އެމީހުންގެ ކޮމެންޓްތަކުން ޔަގީންވަނީ އިންޑަސްޓްރީ ވަރަށް ބޮޑަށް ދެބައިވެފައިވާ ކަމެވެ. އެއްބަޔަކު ކަންގަނާ ދެއްކި ވާހަކަތަކަށް ތާއީދުކުރިއިރު އަނެއްބަޔަކު ތާއީދުކުރީ ކަރަން ޖޯހަރް މެންނަށެވެ.

ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫގެ ހަމަލަ އަމާޒުވީ ކަންގަނާ އަށެވެ. އޭނާ ބުނީ މީހެއްގެ މަރުން ފައިދާނަގަން ކަންގަނާ އުޅޭ ކަމަށެވެ. އަދި އެމީހުންނަށް އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ހޯދައިދިން މީހުންނަށް މަލާމާތްކޮށް އެއްޗެތިކިޔުމަކީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ.

"އަހަރެންނަށް ވެސް ވަރަށް ގިނަ މައްސަލަތައް ދިމާވި. ނަމަވެސް އެކަން ހަނދާންކޮށް ރުޅިއައިސް މީހުންނަށް އެ ރުޅި ބޭލުމަކީ އަހަރެން ކުރާނެ ކަމެއް ނޫން،" ތާޕްސީ ބުނެފައި ވެއެވެ.

ކަންގަނާއަށް ތާއީދުކުރި އެކްޓަރުންގެ ތެރޭގައި ކުރީގެ ބަތަލާ އަދި ޓިވީ ހޯސްޓް ސިމީ ގަރެވާލް ހިމެނެ އެވެ. ސިމީގެ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ރަން ޒަމާނުގައި އޭނާގެ ކެރިއަރު ހަލާކުކޮށްލަން ވެސް އިންޑަސްޓްރީގެ ވަރުގަދަ މީހަކު މަސައްކަތް ކުރި އެވެ. ނަމަވެސް ކަންގަނާ ގޮތަށް ކެރިގެން އެމީހުންނާ ކުރިމަތިލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

ޑައިރެކްޓަރު ހަންސަލް މެހެތާ ބުނި ގޮތުގައި ގްރޫޕް ހަދައިގެން އުޅޭ ބަޔަކު ވެސް ބޮލީވުޑްގައި އުޅޭކަން އެއީ ހަގީގަތެކެވެ. މިއީ އާއްމުކޮށް ވެސް މީހުންގެ ތަބީއަތުގައި ހުންނަ ކަމެއް ކަމަށާއި އެކުގައި އުޅޭ ބަޔަކު ގްރޫޕް ހެދިޔަސް އަނެއްބަޔަކަށް ބުލީކޮށް ނުހަދާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ.