ހަބަރު

އިޒްރޭލުން ފަލަސްތީނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައި މަޖިލީހަށް ގަރާރެއް

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާ ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގެ އަމިއްލަ މެންބަރު ސައުދު ހުސައިން ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުއްވި އެ ގަރާރަކީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލަން ދިވެހިން ބޭނުންވާ ކަމާއި އެ ކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައަށް އަންގައިދިނުމުގެ ގޮތުން ހުށަހެޅި ގަރާރެއް ކަމަށެވެ.

ސައުދުގެ ގަރާރުގައި އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލަން ވެސް ގޮވާލާފައިވެ އެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލް އަގްވާމީ މުޖުތަމައުން ބަލައިގަންނަން ވެސް ގޮވާލާފައިވެ އެވެ.

މިއީ ބައިނަލް އަގްވާމީ މުޖުތަމައުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ސައުދު ވަނީ އޭނާ ހުށަހެޅުއްވި ގަރާރު އިނގިރޭސި ބަހުން ވެސް ވިދާޅުވެދެއްވައިފަ އެވެ.

އިޒްރޭލުން ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރައިގެންފައި ވަނީ 1967 ގައެވެ. އޭގެ ފަހުން ފަލަސްތީނުގެ ބިމަށް ވެރިވެވަގަންނަން އިޒްރޭލުން ދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ފަލަސްތީނުގެ ބިންތަކަށް ހަމަލާ ދިނުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އެކި އަނިޔާތައް ދެމުންނެވެ.