ހަބަރު

ފަލަސްތީނު ގަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ކުށްވެރިކޮށް އެ ކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅައި އާންމުކޮށް ދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ އިސްލާހު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ތަޅުމަށް ބަލައިގަންނަން ފާސްވުމުން ގަރާރު ދިރާސާކުރަން ފޮނުވީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

ސައުދުގެ ގަރާރުގައި އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލަން ވެސް ގޮވާލާފައިވެ އެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލް އަގްވާމީ މުޖުތަމައުން ބަލައިގަންނަން ވެސް ގޮވާލާފައިވެ އެވެ.

މިއީ ބައިނަލް އަގްވާމީ މުޖުތަމައުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ސައުދު ވަނީ އޭނާ ހުށަހެޅުއްވި ގަރާރު އިނގިރޭސި ބަހުން ވެސް ވިދާޅުވެދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރަށް ބަހުސް ކުރެއްވި މެންބަރުން ވަނީ ފަލަސްތީނަށް ދިވެހި ދައުލަތަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފަ އެވެ. މެންބަރުންގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ގެދޮރު ނެތް ރައްޔިތުންނަށް ރާއްޖޭން މަގެއް ދެއްކޭނެ ކަމަށެވެ.