ފިނިޕޭޖް

ބިރުވެރި ފިލްމު "ޗޯރީ" އަށް ނުޝްރަތު ބަރޫޗާ ފަލަވާން ޖެހިއްޖެ

ލޮކްޑައުންގެ ސަބަބުން ޝޫޓިންތައް ކެންސަލް ބޮލީވުޑް ތަރިން އެ މީހުންގެ ގޭގޭގައި ތިބޭތާ ހަތަރު ވަރަކަށް މަސް ފަހުން މިހާރު އަނެއްކާވެސް ޝޫޓިންތައް ފެށުމުގެ އެކި މަރުހަލާތައް ކުރިޔަށް ދާން ވަނީ ފަށާފަ އެވެ.

ބަތަލާ ނުޝްރަތު ބަރޫޗާ ވަރަށް ފަހުން އިއުލާން ކޮށްފައިވާ ގޮތުގައި "ޗޯރީ" ކިޔާ ބިރުވެރި ފިލްމެއް ކުޅެން ލޮކްޑައުން ތެރޭ އޭނާ ވަނީ ސޮއިކޮށްފަ އެވެ. މިއީ މަރާޓީ ފލްމެއް ކަމަށްވާ "ލަޕަޗާޕީ" ގެ ރިމޭކް އެކެވެ.

މިހާރު އެ ފިލްމުގެ މަސައްކަތަށް ނުޝްރަތު ދަނީ ތައްޔާރު ވަމުންނެވެ. އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނުޝްރަތު ބުނީ މި ފިލްމުގައި އޭނާ ކުޅެނީ ދުވަހަކު ވެސް އަދި ނުކުޅޭ ކަހަލަ ރޯލެއް ކަމަށެވެ. އަދި އޭނާގެ ކެރެކްޓާއަކީ މުޅި ފިލްމުގެ އެންމެ މައިގަނޑު ކެރެކްޓާ ކަމަށެވެ.

ފިލްމުގައި އޭނާއަށް ބެލުންތެރިން ބައެއް ފަހަރަށް ހެއްވާލަން ޖެހޭއިރު އަނެއްބައި ފަހަރު ބިރުގަންނަވާލަން ވެސް ޖެހެ އެވެ. ހުރިހާ އެމޯޝަނެއް އެއް ފިލްމަކުން ދައްކަން ޖެހުމަކީ ވަރަށް ޒިންމާ ބޮޑު ކަމަކަށް ވާނެ ކަމަށް ނުޝްރަތު ދެކެ އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ވިޝާލް ފޫރިއާ އެވެ. މީގެ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރީ ހަމަ ވިޝާލް އެވެ. ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ ޑްރާފްޓް ވަރަށް އަވަހަށް ލިބޭނެކަމަށް ނުޝްރަތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުއްސުރެ އޭނާ ވަނީ ފަށާފަ އެވެ. އެގޮތުން ފަލަވާން ޖެހޭތީ މިހާރު ފަލަވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށާއި ފިލްމުގައި އޭނާގެ ކެރެކްޓާ ފެންނާނީ މާބަނޑު މީހެއްގެ ގޮތުގައި ކަމަށް ވާތީ ފަލަ ނުވެ އެހާ ބޮޑަށް މާބަނޑުމީހެއް ވައްތަރު ނުޖެއްސޭނެތީ ފަލަވާން ޖެހެނީ ކަމަށް ނުޝްރަތު ބުންޏެވެ.

ނުޝްރަތު ބުނި ގޮތުގައި ފިލްމު ސެޓަށް ދާން އޭނާ އެހާ އަވަސް އަރުވާލައިގެނެއް ނޫޅެ އެވެ. މިހާރު އަދި އިންޑިޔާގެ ކޮވިޑް ހާލަތު ހުރި ގޮތުން ސެޓަށް ގޮސް މާސްކް ނާޅާ އުޅޭކަށް ނުޝްރަތު ބޭނުމެއް ނޫނެވެ. ނުޝްރަތު މިވަގުތު ކުޅެމުންދާ އޮތީ އެންމެ ފިލްމެކެވެ. އެއީ ރާޖްކުމާރު ރާއޯ އާއެކު ކުޅޭ "ޗަލާންގް" އެވެ. މިއީ ހަންސަލް މެހެތާ ޑައިރެކްޓްކުރާ ފލްމެކެވެ.