މެސީ

ޕިޗީޗީ އެވޯޑާއި އެސިސްޓްގެ ރެކޯޑްވެސް މެސީއަށް

އެންމެ ގިނަ ގޯލް ޖަހައިގެން ލަލީގާގައި ދޭ ޕިޗީޗީ އެވޯޑް ހަތް ވަނަ ފަހަރަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމުގެ އިތުރަށް އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ކޮށްގެން އޭނާ ރެކޯޑެއް ހަދައިފި އެވެ.

ސީޒަންގެ ލަލީގާ ރޭ ނިމުނު އިރު މެސީ ވަނީ 25 ގޯލް ޖަހާފަ އެވެ. ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ބާސެލޯނާ ނުކުތުމުގެ ކުރިން، ލަނޑު ލިސްޓްގައި މެސީ އާއި ވާދަވެރި ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އޮތީ ދާދި ކައިރީގަ އެވެ. 23 ގޯލުން މެސީ ކުރީގައި އޮތް އިރު ބެންޒެމާ ވަނީ 21 ގޯލް ޖަހާފަ އެވެ.

އަދި އަލަވޭޒް ކޮޅަށް ރޭ ކާމިޔާބު ދެ ލަނޑާއެކު މެސީ ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފަ އެވެ. މިއީ ޕިޗީޗީ އެވޯޑް ޖެހިޖެހިގެން މެސީ ހޯދި ހަތަރު ވަނަ ފަހަރެވެ. އެއީ މި ގަރުނުގައި މިހާ ދިގު ޕީރިއަޑަކަށް ކުޅުންތެރިޔަކު ޖެހިޖެހިގެން އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑަށް ކުޅުނު މެކްސިކޯގެ ހޫގޯ ސަންޗޭޒް ވެސް ވަނީ 80 ގެ އަހަރުތަކުގައި ޖެހިޖެހިގެން ހަތަރު ފަހަރަށް އެ އެވޯޑް ހޯދާފަ އެވެ.

މެސީއަށް އެއް ވަނަ ލިބުނީ ލަނޑުގެ ލިސްޓްގެ ކުރިން އެކަންޏެއް ނޫނެވެ. އޭނާ ވަނީ އެސިސްޓްގައި ވެސް އެއް ވަނަ ހޯދާފަ އެވެ. މި ސީޒަންގައި އޭނާ ކުރި 21 އެސިސްޓަކީ ލަލީގާގައި ރެކޯޑެކެވެ. މީގެ ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓްކޮށްގެން އެ ރެކޯޑް ހަދާފައި ވަނީ ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ. އޭނާ ވަނީ 2008-09 ގެ ސީޒަންގައި 20 އެސިސްޓް ކޮށްފަ އެވެ.