ފަލަސްތީނުގެ ގިނަ ރައްޔިތުންނަކީ ގެދޮރުވެރިކަމެއް ނެތް، ނިކަމެތި ހާލުގައި އުޅޭ ރެފިއުޖީން ކަމަށާއި ފަލަސްތީނުގެ އެ ރައްޔިތުންނަށް ޓަކައި ރާއްޖޭން މަގެއް ދައްކައިދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާ ކުށްވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅައި ބައިނަލްއަގްވާމީ މުޖުތަމައަށް އަންގައިދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ގަރާރެއް ހުށަހެޅުއްވި އެވެ.
އެ ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކޮށްދެވެން އޮތް ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ކޮށްދެވޭނީ ވަކި ކޮން ކަމެއްތޯ ވެސް ބައެއް މެންބަރުން ސުވާލު އުފެއްދެވި އެވެ.
މެންބަރުންގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭން ކޮށްދެވޭނެ ކަންކަމުގެ ކިތަންމެ މަގެއް ނުވަތަ ރާސްތާއެއް އެބަ އޮތް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި މަޖިލީހުގެ މެންބަރުން އެ ކަންކަމަށް ފަރުވާ ބެހެއްޓުން މުހިއްމު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ފާހަގަ ކުރެއްވީ ފަލަސްތީނުގެ ގިނަ ރައްޔިތުންނަކީ ގެދޮރު ނެތިފައިވާ ރެފިއުގީން ކަމަށެވެ. ނަމަވެސް އެ ރައްޔިތުންނަކީ ފަންނީ މަސައްކަތަށް ހުނަރު ހުރި ރައްޔިތުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، އިންޖީނިއަރުންނާއި، އަދިވެސް އެތައް ފަންނީ ހުނަރުތައް ލިބިފައިވާ މީހުން އުޅޭ ކަމަށެވެ.
ފަލަސްތީނުގެ އެފަދަ ރައްޔިތުންނަށް ބޭނުން ވަނީ ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތަކާއި އަސާސީ ހިދުމަތް ލިބޭނެ ދިރިއުޅެއް ކަމަށާއި ދުނިޔޭގެ އެތައް ގައުމެއްގައި އެ ރައްޔިތުން އާދޭސް ކުރަމުން ދަނީ އެ ކަންކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށް ނެތިގެން މި އުޅެނީ ބޯފެން، ކަރަންޓު، ބޯހިޔާވަހިކަމެއް، ސިއްހަތު، ތައުލީމު، ވަޒީފާގެ ފުރުސަތެއް، ހަމަ އެ ކަންކަން ފޯރުކޮށްދިނުމަށް އެތައް ބައިވަރު ރައްޔިތުން ދުނިޔޭގެ އެ ތަން މި ތަނުގައި ދުވަމުން މި ދަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށެއްގައި ފަލަސްތީނުގެ ފަންނީ ރައްޔިތުން މަސައްކަތް ކުރަން އުޅުމުންނާއި އެ ރަށެއްގައި ދާއިމީކޮށް ހުރެވޭނެ ގޮތެއް ވުމުން އެ ރަށްރަށުގެ ރައްޔިތުން ރުޅި އަންނަން ޖެހޭ ސަބަބެއް އޮންނާނެތޯ ނަޝީދު ސުވާލު ކުރެއްވި އެވެ. ރާއްޖޭން އެ ކަން ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑު ހިތަށް ވަނީ ފުނަދޫ، ޅައިމަގުގައި، [ރާއްޖޭގެ ރަށެއްގައި] ފަލަސްތީނުގެ ޑޮކްޓަރެއް، އިންޖީނިއަރެއް، މަސައްކަތް ކުރަން ހުރުމުން، ދާއިރާ ރައްޔިތުން ހަމަ ރުޅިބާއޭ އަންނާނީ. އަޅުގަނޑުމެން ދައްކާ ވާހަކާގައި އެއް ގޮތަކަށް ވެސް ދެކޮޅު ޖެހުމެއް ނެތުމުން އަޅުގަނޑަށް ފާހަގަކޮށްލެވޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ގަރާރަަށް ބަހުސް ކުރެއްވުމަކީ މަޖިލީހުގެ މެންބަރުން ހަމައެކަނި ސިޔާސީ ފުރުސަތެއް ހޯދުމަަށް ކުރެވޭ ބަހުސަކަށް ވުމުގެ ބަދަލުގައި އެ މައްސަލައަށް ހައްލެއް ހޯދުމަށާއި ރާއްޖޭން ކޮށްދެވޭނެ ކަމެއް ދެނެގަތުމަށް ކުރެވޭ ބަހުސަކަށް ވާން ޖެހޭނެ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން ބޭނުން ވަނީ ގެދޮރުވެރިކަން ކަމަށާއި ރާއްޖޭން އެކަމަށް މަގު ދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވެފައި މި ވަނީ، ރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމާ ގުޅޭ ގޮތުން ކޮމިޓީން ގޮތެއް ނިންމަން ފޮނުވާފައިވަނިކޮށެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ނަޝީދު އެ ހުށަހެޅުން ފޮނުއްވި ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އެއީ މަޖިލީހުގެ ރައީސްއަށް ކުރެވޭ ކަމެއް ނޫން ކަމަށާއި އެ ގޮތަށް އަމަލު ކޮށްފައި ވެސް ނުވާނެ ކަމަށެވެ. މަޖިލީހަށް ހުށަހެޅުނު ހިޔާލެއްގެ ނޯޓެއް ކޮމިޓީއަށް ފޮނުއްވީ ކަމަށް ވިދާޅުވި އެވެ.
މި ހުށަހެޅުމާ ގުޅިގެން ރައީސް ނަޝީދަށް ބޮޑެތި ފާޑިކިއުންތައް އަމާޒުވި އެވެ. ފާޑިކިއުންތައް އަމާޒުވެފައިވަނިކޮށް އެމަނިކުފާނު ވަނީ އެކަމާ ގުޅޭ މަޒުމޫނެއް ލިއުއްވައި އާންމު ކުރައްވައިފަ އެވެ. ރާއްޖޭގައި ލިއެކިއުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވާނީ ރާއްޖޭން ހުއްދަތަކެއް ދޫކޮށްގެން ކަމަށް އެ މަޒުމޫނުގައި ލިއުއްވާފައިވެ އެވެ.