ކުޅިވަރު

ވަޓްފޯޑްގެ ކޯޗް ކަމުން ޕިއާސަން ވަކިކޮށްފި

ރެލިގޭޝަން ޒޯނާ ކައިރީގައި އޮތް ވަޓްފޯޑްގެ ކޯޗް ކަމުން ނިގެލް ޕިއާސަން ވަކި ކޮށްފި އެވެ. ސީޒަންގެ ބާކީ ދެ މެޗު އެ ޓީމަށް އޮތްވައި ޕިއާސަން ކޯޗް ކަމުން ވަކި ކުރީ ހުކުރު ދުވަހު ވެސްޓްހަމް ޔުނައިޓެޑް އަތުން ބަލިވެ ރެލިގޭޝަން ޒޯނަށް ވެއްޓުމުގެ ބިރު އެ ޓީމަށް ކުރިމަތި ވުމުންނެވެ.

ބާކީ ދެ މެޗަށް ޓީމުގެ ކޯޗް ކަމަށް ހަމަޖައްސާފައި ވަނީ، އެ ކުލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ހޭޑެން މަލިންސް އެވެ. އޭނާ އަކީ މި ސީޒަންގައި ވަޓްފޯޑަށް ކޯޗް ކޮށްދޭ ތިން ވަނަ ކޯޗެވެ.

ޕިއާސަން ވަޓްފޯޑްގެ ގެ ކޯޗް ކަމާ ހަވާލުވީ، ޑިސެމްބަރު މަހު އެވެ. އޭރު ކޯޗަކަށް ހުރި ކީކޭ ސަންޗޭޒް ފްލޮރޭސްގެ ކޯޗް ކަމުގައި އެ ޓީމަށް 15 މެޗުން ހޯދުނީ އަށް ޕޮއިންޓެވެ. ޕިއާސަން ކޯޗް ކަމާ ހަވާލުވިފަހުން އެ މުއްދަތުގައި ލެސްޓާ ސިޓީ އާއި ގަދަ ހަތަކަށް ވާދަ ކުރާ ހަތް ޓީމަށް ވުރެ ގިނައިން ޕޮއިންޓް ހޯދި އެވެ.

ޕިއާސަން ހަވާލުވެ ޓީމު ރެލިގޭޝަން ޒޯނާ ދުރު ކޮށްދިނެވެ. އޭނާ ހަވަލުވެ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލާ ދެކޮޅަށް މޮޅުވުމަކީ ޕިއާސަން އަށް ތާރީހީ މެޗުތަކެކެވެ.

މަލިންސް ކޯޗް ކަމުގެ ދަށުން އެ ޓީމު މިރޭ ނުކުންނާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ.