ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އޭޑީބީން ރާއްޖެ އަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

Jul 20, 2020

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ދީފި އެވެ.

އޭޑީބީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދިން މި ފައިސާއަކީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދިން އެހީ އެއް ކަމަށެވެ.

އޭޑީބީ އިން ދާދިފަހުން ވަނީ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 770 މިލިއަން ރުފިޔާ) ދީފަ އެވެ. އެންމެ ފަހުން އޭޑީބީން ދީފައިވާ ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ. އޭޑީބީން މި ފައިސާ ދެނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ހުރި ހޮސްޕިޓަލް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭނެ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ހާއްސަކޮށް އައިސޮލޭޝަން 400 އެނދު ގާއިމްކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާތަނަށް 300 މިލިއަން ޑޮލަރު ޔަގީން ވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ހަޒާނާ އަށް މީގެ ތެރެއިން ޖަމާވެފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ދޭ ލޯނު އެހީ އާއި އިންޑިއާގެ މަރުކަޒީ ބެންކުން ދޭ ކަރަންސީ ސްވޮޕް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބުނެފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 36 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާ ދެ މީހުންނެވެ. ރާއްޖޭން މިހާތަނަށް ޕޮޒިޓްވެފައިވަނީ 2,966 މީހުންނެވެ. މިހާރު ފަރުވާ ދެމުންދަނީ 546 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 433 މީހުންނެވެ. ކަރަންޓީންގައި ތިބީ 21 މީހުންނެވެ. ރާއްޖޭން މި ބަލީގައި މަރުވެފައިވަނީ 15 މީހުންނެވެ.