އިންތިހާބުތަކުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އޮޑިޓަރަކު ލައްވައި އޮޑިޓް ކުރަން ޖެހޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގަވާއިދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަދަލު ކޮށްފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓަކު ފައިސާ ހޯދި ގޮތާއި ހަރަދު ކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ މާލީ ބަޔާންތައް އީސީއަށް ހުށަހަޅަން ޖެހެ އެވެ. އެ މާލީ ބަޔާންތަކުގެ ސައްހަ ކަން ކަށަވަރު ކުރުން ވެސް އޮންނަނީ އީސީއަށެވެ. މާލީ ބަޔާންތައް އޮޑިޓް ކުރާކަށް ނޯވެ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް އީސީން ގެނެސްފައިވާ ބަދަލުގައި ބުނާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށް ސޮއި ކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހޭނެ އެވެ.
މާލީ ބަޔާންތައް އޮޑިޓް ކުރުމަށް އާންމުކޮށް ބަލައި ކަންކަމުގެ އިތުރަށް މާލީ ކަންކަން ބަލަހައްޓައި ފައިސާ ހޯދައި ފައިސާ ހަރަދުކޮށްފައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ އެއް ގޮތަށްތޯ މާލީ ބަޔާން އޮޑިޓް ކުރާ އޮޑިޓަރު ބަލަން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި މިހާރު ބުނެފައިވެ އެވެ.
މީގެ އިތުރުން ކެންޑިޑިޑޭޓަށް ލިބޭ ފައިސާ ޖަމާ ކުރަން ވަކި އެކައުންޓެއް ހަދާފައިވޭތޯ އާއި ކެންޑިޑޭޓަށް ލިބޭ އެހީ ބަލައިގަންނަނީ ކެންޑިޑޭޓް ނުވަތަ އޭނާގެ އެޖެންޓް ކަން އޮޑިޓަރު ކަށަވަރު ކުރަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.
ކެންޑިޑޭޓް ހަރަދު ކުރީ ގާނޫނުގައި ބުނާ މިންވަރަށް ވުރެ އިތުރު ނުވާ ގޮތަށްތޯ އާއި ކެންޑިޑޭޓުން އެހީ ބަލައިގަތީ ވެސް ގާނޫނުގައި ބުނާ މިންވަރަށް ވުރެ އިތުރު ނުވާ ގޮތަށް ކަން ވެސް އޮޑިޓަރުން ބަލަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.
އީސީން އިއްޔެ އާންމު ކުރި އެ ގަވާއިދުގައި ބުނާ ގޮތުން، އެ ގަވާއިދުގައި މިހާރު ހިމަނާފައިވާ ކަންކަމަށް ރިއާޔަތް ނުކުރާ އޮޑިޓަރުންނާ މެދު ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކުގައި އީސީން އެދޭނެ އެވެ.