ކުޅިވަރު

މޮރޭނޯ ވަކިކޮށް މޮނަކޯގެ ކޯޗަކަށް ކޮވާކް

ފްރާންސްގެ މޮނަކޯގެ ކޯޗް ކަމުގައި ހުރި ސްޕެއިންގެ ރޮބާޓޯ މޮރޭނޯ ވަކިކޮށް އެ ޓީމުގެ ކޯޗަކަށް، ބަޔާން މިޔުނިކްގެ ކުރީގެ ކޯޗް ކްރޮއޭޝިއާގެ ނިކޯ ކޮވާކް ހަމަޖައްސައިފި އެވެ.

މިއަހަރު ބާއްވަން ކުރިން ހަމަޖެހިފައި އޮތް (މިހާރު އަންނަ އަހަރު) ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން ކޮލިފައި ކޮށްދިން ރޮބާޓޯ މޮރޭނޯ، ޑިސެމްބަރު މަހު މޮނަކޯގެ ކޯޗް ކަމާ ހަވާލުވީ އޭރު ކޯޗަކަށް ހުރި ޕޯޗްގަލްގެ ލިއާނާޑޯ ޖާޑިމް މަގާމުން ވަކި ކުރުމުންނެވެ. ސްޕެއިންގެ މިހާރުގެ ކޯޗް ލުއިސް އެންރީކޭގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށް އަދި ފަހުން އެންރީކޭ ސްޕެއިންގެ ކޯޗް ކަން ދޫކޮށްލުމުން މޮރޭނޯ ވަނީ ޔޫރޯ ކޮލިފައިންގެ ބާކީ ބައިގައި ސްޕެއިންއަށް ކޯޗް ކޮށްދީފަ އެވެ.

ޔޫރޯއަށް ސްޕެއިން ކޮލިފައި ކޯށްދިން ނަމަވެސް އޭނާ އާއެކު ކުރިއަށް ނުދާން ސްޕެއިންގެ ރޯޔަލް ފުޓްބޯޅަ ފެޑްރޭޝަނުން ނިންމީ، ޓީމުގެ ބައެއް ކަންކަމަށް ކުޅުންތެރިންގެ ނުފޫޒު ވަދެ އެކަންކަން ހުއްޓުވުމަށް މޮރޭނޯ އަށް މަސައްކަތް ކުރެވިފައި ނުވާތީ އެވެ.

ބަޔާން މިޔުނިކާއެކު ބުންޑެސް ލީގާ އާއި ޖަރުމަން ކަޕް އަދި ޖަރުމަންގެ ސްޕަ ކަޕް ކާމިޔާބު ކުރި ކޮވާކް ވަނީ ކުރިން ފްރެންކްފާޓްގައިވެސް ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. މި ސީޒަންގައި ވަކި ހިސާބަކުން އޭނާ ކޯޗް ކަމުން ވަކި ކުރީ ނޮވެމްބަރު މަހާ ހަމައަށް ދިޔައިރުވެސް ލީގްގެ ތިން ވަނައިގައި ބަޔާން އޮތުމުންނެެވެ. އޭނާ އާއެކު މޮނަކޯއިން އެއްބަސްވުން ހެދީ ތިން އަހަރަށެވެ.

މޮނަކޯގެ ނައިބު ރައީސް އޮލެގް ޕެޓްރޯވް ވިދާޅުވީ ކޮވާކް އަކީ ކުޅުންތެރިން ޑިވްލަޕް ކުރުމުގައި ކާމިޔާބު މަސައްކަތެއް ކޮށް ނަތީޖާ ނެރެފައިވާ ކޯޗެއް ކަމަށެވެ. މިއީ މިދިޔަ ތިން އަހަރު ތެރޭ މޮނަކޯއިން ކޯޗުން ބަދަލު ކުރި ހަތަރު ވަނަ ފަހަރެވެ. މޮނަކޯއަށް 2017 ގެ ފްރާންސް ލީގް ޗެމްޕިއަންކަން ހޯދައިދިން ޖާޑިމް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރިއިރު އޭނާގެ ވޒީފާވެސް ދެފަަހރު ގެއްލުނެވެ.