ވިޔަފާރި

ކުންފުނިތަކުގެ އަހަރީ ހިސާބާއި ރިޕޯޓް ހުށަހެޅުން އަންނަ މަހު

Jul 22, 2020

އަންނަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ހުށަހަޅަން ޖެހޭނެ އެވެ.

ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެ ކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ކުންފުނިތަކުގެ ރަޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ އެވެ. މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދަށް ގެއްލުންވެފައި ވާތީ ވިޔަފާރި ތަކަށް ލުއިކޮށް ދިނުމުގެ ގޮތުން، ކުރިން މާޗް މަހުގެ ނިޔަލަށް ދައްކަން ޖެހޭ، ކުންފުނިތަކުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލާ މީރާ މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އިތުރު ކޮށްދީފަ އެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ކުންފުންޏެއް ރަޖިސްޓްރީ ކުރެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ގިނަ އަދަދެއްގެ ވިޔަފާރި ތަކެއް ދަނީ ހުއްޓެމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ފީ ނުދައްކައިގެން 4،900 އަށްވުރެ ގިނަ ކުންފުނި އުވާލާފަ އެވެ.