ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: އިތުރު ފަސް ކެންޑިޑޭޓަކު ނަން ނަގައިފި

Jul 20, 2020

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ތިން ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

މީގެ ކުރިން 18 ކެންޑިޑޭޓަކު ވަނީ ނަން ނަގާފަ އެވެ. ގިނައީ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ހަ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ވަނީ މަރުވެސް ވެފައެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓް ލިބުނު ކެންޑިޑޭޓެވެ. މެއި މަހުގެ ކުރީކޮޅު މަރުވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.

މިއަދު ނަން ގެންދިޔަ ތިން ކެންޑިޑޭޓުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އަމިއްލަ ދެ ކެންޑިޑޭޓުން ހިމެނެއެވެ. މިއީ ޖޭޕީގެ ކެންޑިޑޭޓަކު ނަން ނެގި ފުރަތަމަ ފަހަރެވެ.

ޖޭޕީން ނަން ނެގީ މައްޗަންގޮޅި މެދު ދާއިރާއަށް އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ފޯމް ހުށައެޅި މުހައްމަދު އަޝްފާގްއާއި ކ. ތުލުސްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި ޒައިނާ އަބްދުﷲގެ އިތުރުން ށ. ފޭދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި އަބްދުﷲ ފާއިޒެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިންވެސް ތިން ކެންޑިޑޭޓަކު ވަނީ ނަން ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓެކެވެ.