ދުނިޔޭގެ ކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އާއިލާތަކަށް ތަހައްމަލު ކުރަން ޖެހެނީ ތަފާތު ހިތްދަތި ކަމެކެވެ. އެމީހުންގެ ލޯބިވާ މީހުން މި ދުނިޔޭން ވަކި ވެގެން ދާއިރު އެއްގޮތަކަށް ވެސް ބައްދަލު ކޮށްލެވޭނެ ގޮތެއް ނުވެ ފެންނާނެ ގޮތެއް ވެސް ނުވާތީ އެވެ. ކިތަންމެ ބޭނުން ވިޔަސް ބަލި މީހާ އާ ކައިރިއަށް ދެވޭނެ އެއްވެސް ފުރުސަތެއް އާއިލާގެ އެއްވެސް މެމްބަރަކަށް ނުލިބެ އެވެ.
ބައެއް މީހުން ބަލި ޖެހުމުން ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގައި އެކަނި މާއެކަނި އެތައް ހަފުތާއެއް އާއިލާގެ މީހުންނަށް ނުފެނި ހޭދަ ކުރެ އެވެ. އެގޮތުން ނަސީބު ރަނގަޅު މީހުން ބަލި ރަނގަޅު ވެގެން އަލުން އެނބުރި އާއިލާ ކައިރިއަށް ދެވުނަސް އަނެއް ބައިމީހުން ދުނިޔެއާ ވަކިވެގެން ދަނީ އެމީހުންގެ ލޯބިވާ މީހުން ދެކޭހިތުން ރޯލަ ރޯލަ އޮއްވަ އެވެ.
ފަލަސްތީނުގެ 30 އަހަރުގެ މި ޒުވާނާ، ޖިހާދު އަލް-ސުވައިތީ އަކީ މިވެސް މިފަދަ ހިތްދަތި ކަމެއް ކުރިމަތިވެފައިވާ މީހެކެވެ. ވެސްޓް ބޭންކްގެ ބެއިތު އާވާގައި ދިރިއުޅޭ ޖިހާދުގެ މަންމައަށް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން މަންމައާ ބައްދަލު ކުރެވޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނުފެނުނެވެ. އެންމެ ފަހުން އޭނާ ކުރަން ފެށި ކަމަކީ މަންމަ އޮތް އިންޓެންސިވް ކެއާ ޔުނިޓާ ދިމާލަށް ހުރި ކުޑަދޮރަކަށް އަރާ އެ ކުޑަދޮރުމަތީގައި އިށީނދެލައިގެން މަންމައަށް ބަލަހައްޓައިގެން އިންނަނީ އެވެ.
ކޮވިޑްގައި ޖިހާދުގެ މަންމަ މިހާރު މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވާއިރު މަންމައަށް އެންމެ ފަހުގެ ވަދާއު ވެސް މި ޒުވާނާ ކީ އެ ކުޑަދޮރު މަތީގައި އިނދެގެންނެވެ.
ގަލްފު ނިއުސްގައިވާ މި ރިޕޯޓުގައިވާ ގޮތުން ޖިހާދުގެ މަންމަ ރަސްމީ ސުވައިތީ، 73، މި ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ލީ ވެސް ކުޑަދޮރުން މަންމައަށް ބަލަހައްޓައިގެން އިން ދަރިފުޅަށް ބަލާލާފަ އެވެ.
ރަސްމީ އަކީ ލޭގެ ކެންސަރަށް ކުރިއްސުރެ ފަރުވާ ކުރަމުން ދިޔަ މީހެކެވެ. އޭނާއަށް ކޮވިޑް ޖެހުމުން ހިބްރޯން ސްޓޭޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ފަސް ދުވަހު އޮތެވެ. އެ ހުރިހާ ދުވަހަކު ވެސް އޭނާގެ އެންމެ ހަގު ދަރިފުޅު ޖިހާދު އިނީ މަންމަގެ ހާލު ބަލަން އެ ކުޑަދޮރު މަތީގަ އެވެ.
އަރަބިކް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ޖިހާދު ބުނީ މަންމަގެ ފަހު ވަގުތުކޮޅު މަންމަ އުޅުނު ހާލު ބަލަން އޭނާ އިނީ ކުރެވޭނެ އެއްވެސް ކަމެއް ނެތި ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ.
ޖިހާދު ކުޑަދޮރު މަތީގައި އިންދާ ނަގާފައިވާ ފޮޓޮއެއް ޕެޓްރިއޮޓިކް ވިޝަންގެ ސީއީއޯ އަދި ޔުނައިޓެޑް ނޭޝަންސްގެ ރެޕްރެޒެންޓެޓިވް އެއް ކަމަށްވާ މުހައްމަދު ސަފާ ވަނީ ޓުވީޓް ކުރައްވާފަ އެވެ.
އޭނާގެ ޓުވީޓްގައި ވެސް ކޮންމެ ރެއަކު ހަތަރުދަމު ޖިހާދު އޭނާގެ މަންމަގެ ހާލު ބަލަން ހޭލާ އެ ކުޑަދޮރު މަތީގައި އިންނަކަމަށް ބުނެފައި ވެއެވެ. އަދި މަންމަ ހޮސްޕިޓަލުގައި އޮތް ފަސް ރޭ އޭނާ ހޭދަކުރީ އެ ކުޑަދޮރު މަތީގައި ކަމަށް ވެސް ބުނެފައި ވެއެވެ. ޖިހާދު އަކީ އޭނާގެ މަންމަގެ އެންމެ ހަގު ދަރިފުޅެވެ. އެހެންކަމުން އޭނާއަކީ މަންމައާ އަދަޔާޚިލާފު ގާތްކޮށް އުޅެފައިވާ މީހެކެވެ. މަންމަ މަރުވި ޚަބަރު ދިނުމުން ވެސް ޖިހާދު އައީ ރުޅި ކަމަށާއި އޭނައަށް އެކަން ގަބޫލުކުރަން ދަތިވެގެން ވަރަށް އުޅުނު ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.
ޖިހާދުގެ ބޭބެ ބުނި ގޮތުގައި ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑުން އައިސް އޭނާ ކުޑަދޮރުން ބާލަން ވަރަށް މަސައްކަތްކުރާ ކަމަށާއި ނަމަވެސް އޭނާ އެ ކުޑަދޮރަށް އެރުން އެކަކަށް ނުވެސް ނުހުއްޓުވުނު ކަމަށެވެ.