ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ފަލަސްތީނު މީހަކު ތިންވަނަ ފަހަރަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަކީ އަބަދުވެސް މީހުންނަށް ހައިރާންކަން ގެންނަ ބަލިމަޑުކަމެކެވެ. މިފަހަރު މި ބަލީގެ ހައިރާންވާ ފަދަ ކަމެއް ފެނުނީ ފަލަސްތީނުންނެވެ. އެ ގައުމުގެ ޒުވާން ނަރުހަކު ތިން ވަނަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވް ވީމަ އެވެ. އަދި އެވެސް އެންމެ ފަސް މަސް ދުވަހުގެ ތެރޭގަ އެވެ.

މިއީ ފަލަސްތީނުގައި މިފަދަ ގޮތެއް ދިމާވި ފުރަތަމަ ފަހަރެވެ. އަބްދުލް މާލިކް ސަވަލްމާ ކިޔާ މި ނަރުހަކީ ފަލަސްތީނުގެ ކޯވިޑް އަށް ޓެސްޓްކުރާ ސެންޓަރެއްގައި އަލަށް ވަޒީފާ އަދަކުރަން ފެށި މީހެކެވެ. އޭނާ ފުރަތަމަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެ ފަހަރު އޭނާގެ ހަށިގަނޑުން ފެނުނީ ކޯވިޑްގެ ވަރަށް އާދައިގެ އަލާމާތް ތަކެކެވެ.

ދެ ވަނަ ފަހަރަށް ޕޮޒިޓިވްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ފަހަރު އޭނާ ޓެސްޓްކުރީ ކޯވިޑް-19 ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓެއް ވެގެންނެވެ. އެ ފަހަރުވެސް ކޯވިޑް ބަލި ޖެހޭ މީހުންގެ ފަރާތުން ފެންނަ އާދައިގެ އަލާމާތްތައް ފެނިފައި ރަނގަޅުވީ އެވެ.

ދެ ވަނަ ފަހަރަށް ކޯވިޑް ޖެހިފައި ރަނގަޅުވީތާ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އޭނާއަށް ކޯވިޑަށް ޕޮޒިޓިވްވީ މީހަކާ ގާތް ގުޅުމެއް ބޭއްވުނެވެ. އަދި ތިން ވަނަ ފަހަރަށް އޭނާ ކޯވިޑަށް ޕޮޒިޓިވް ވިއެވެ. މިފަހަރު އޭނާގެ ހަށިގަނޑަށް އެރީ ޔޫކޭ ސްޓްރެއިން ކަމުން މި ފަހަރު ކޯވިޑްގައި އަބްދުލް މާލިކަށް ވަރަށް ބޮޑުވަރު ވަނީ ވެފަ އެވެ.

"އަހަރެން އުޅެނީ ކޯވިޑުން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން. އެހެން އުޅެނިކޮށް ތިން ފަހަރަށް ވެސް ޕޮޒިޓިވްވީ. ތިން ވަނަ ފަހަރަކީ އެންމެ ބޮޑުވަރުވީ ފަހަރު. އެ ފަހަރު އަހަރެންނަށް ނޭވާ ކުރުވެ، ކެއްސާ، ރަހައާއި ވަސް ނުދުވާ އަދި ހުޅުތަކުގައި ރިއްސުން ފަދަ ވަރަށް ގިނަ މައްސަލަތައް ދިމާވި. ހޮސްޕިޓަލުގައި އެޑްމިޓް ވާން ނުދިޔައެއް ކަމަކު އަހަރެންނަށް ހަމަ ވަރަށް ބޮޑުވަރުވި،" އަބްދުލް މާލިކް ބުންޏެވެ.

އޭނާގެ އިލްތިމާސް އަކީ ކޯވިޑް އަކީ އާދައިގެ ބައްޔެއް ކަމަށް ހިތާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަކުވެސް އިހުމާލު ނުވާށޭ އެވެ. ޚާއްސަކޮށް މިހާރު އަލަށް ފެނިގެން މިއުޅޭ ޔޫކޭ ސްޓްރެއިން އަކީ އެއްގޮތަކަށް ވެސް ޖޯކެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ދެ ވަނަ ފަހަރަށް ކޯވިޑް ޖެހި ރަނގަޅުވީމަ އަހަރެން ހުރީ ވެކްސިން ޖަހަން. އެހެންނަމަވެސް ވެކްސިން ނުޖަހަނީސް ތިން ވަނަ ފަހަރަށް ވެސް މި ބަލި ޖެހުނީ. މިހާރު ދެން 90 ދުވަސް މަޑުކުރަން ޖެހޭނީ ވެކްސިން ނުޖަހައި،" އަބްދުލް މާލިކް ބުންޏެވެ.