ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑާއެކު ލާޒިއޯގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އިޓާލައިން ލީގް ހޯދުމާ ކައިރިއަށް ޔުވެންޓަސް ޖެހިލައިފި އެވެ.
ރޭ ގެ މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ ސެރީ އޭ ގައި އޭނާ ޖެހި ލަނޑުގެ އަދަދު 51 ށް އިތުރު ކޮށްފަ އެވެ. އެހެންވެ އޭނާ ވެފައި ވަނީ ޕްރިމިއާ ލީގާއި ލަލީގާ އަދި ސެރީ އޭގައި 50 ލަނޑަށް ވުރެ ގިނައިން ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޖެހިޖެގެން ތިން މެޗުން މޮޅު ނުވެވި ދިޔަ ޓްރެކަށް ނިންމުން ގެނެސް ޔުވެންޓަސް ވަނީ ލީގް ޗެމްޕިއަންކަން ހޯދުމާ ހަތަރު ޕޮއިންޓަށް ކައިރިއަށް ޖެހިލާފަ އެވެ. ޔުވެންޓަސްގެ ފަހަތުގައިވާ ޓީމުތައް އަތުން ކުރިއަށް ހުރި މެޗުތަކުގައި ޕޮއިންޓް ގެއްލިއްޖެނަމަ ބުރާސްފަތި ދުވަހު އުޑިނޭޒީ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް ލީގް ކާމިޔާބު ކުރެވޭނެ އެވެ. ނުވަތަ އާދިއްތަ ދުވަހު ސަމްޕްޑޯރިއާގެ މެޗުން މޮޅުވެގެން ލީގް ހޯދޭނެ އެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު 51 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެއީ ލާޒިއޯގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ބަސްޓޯސް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ލަނޑު އޭނާ ކަމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުން ޕައުލޯ ޑިބާލާ ދިން ޕާސް ގޯލްގެ ތެރެއަށް ވައްދާލައިގެނެވެ. ލީޑް ނެގުމުގެ ކުރިން ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ރޮނާލްޑޯއަށް ލިބުނެވެ. ޑިބާލާ ދިން ބޯޅަ ވެއްޓިގެންފައި ރޮނާލްޑޯ މަޑުމަޑުން ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަންނާން ދިޔަ ބޯޅަ ލާޒިއޯގެ ޑިފެންޑަރު ދިފާއު ކުރީ ގޯލްގެ ރޮނގުމަތިންނެވެ.
ލާޒިއޯގެ ހަމައެކަނި ލަނޑު ޗީރޯ އިމްމޯބިލޭ ކާމިޔާބު ކުރީ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ. ޔުވެންޓަސްގެ އޭރިއާގެ ތެރެއިން އިމްމޯބިލޭ ފޮނުވާލަން އުޅުނު ބޯޅަ ދިފާއު ކުރަން، ޔުވެންޓަސްގެ ޑިފެންޑަރު ލިއަނާޑޯ ބަނޫޗީ މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ ފައިން ޖެހުނީ އިމްމޯބިލޭގެ ފައިގަ އެވެ.
ދެ ވަނައިގައި އިންޓަ މިލާން އާއި ޔުވެންޓަސް އާ ދެމެދު މިހާރު ހުރީ އަށް ޕޮއިންޓްގެ ފަރަގެވެ.