ކުޅިވަރު

މެޗު ނުކުޅެ ޑިޕޯޓިވޯ ލަކޮރޫނިއާ ރެލިގޭޓް ވެއްޖެ

ލަލީގާގެ ދެ ވަނަ ޑިވިޝަން ނުވަތަ ލަލީގާގެ ސްޕާޓްބޭންކުގައި ޑިޕޯޓިވޯ ލަކޮރޫނިއާ ކުޅެން އޮތް މެޗު ނުކުޅެ އެ ޓީމު ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެ އެވެ.

ލަލީގާ ސްމާޓް ބޭންކުގައި ޑިޕޯޓިވޯ ކުޅެން އޮތް އެންމެ ފަހު މެޗުގައި އިއްޔެ އެ ޓީމު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތީ ފުއެންލަބަރަޑާ އާ ދެކޮޅަށެވެ. އެ މެޗު ކެންސަލް ކުރަން ޖެހުނީ ފުއެންލަބަރަޑާގެ ބައެއް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

ލަލީގާ އާއި ސްޕެއިންގެ ރޯޔަލް ފުޓްބޯޅަ ފެޑްރޭޝަނުން މެޗު ކެންސަލް ކުރަން ނިންމުމަށް ފަހު ނެރެފައިވާ ބަޔަނުގައި ބުނެފައި ވަނީ މެޗު ކެންސަލް ކުރަން ނިންމީ ދެ ޓީމުގެ ކުޅުންތެރިންގެ ރައްކާތެރިޗކަމަށް ޓަކައިި ކަމަށެވެ.

މެޗު ކެންސަލް ކުރަން ލަލީގާއިން ނިންމުމުން ޑިޕޯޓިވޯގެ ބައެއް ސަޕޯޓަރުން ވަނީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ކުލަބުގެ އޮފީސް ކުރިމައްޗަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ.

މެޗު ނުކުޅެ އެ ޓީމު ރެލިގޭޓްވާ ގޮތަށް ލަލީގާއިން ނިންމީ ލުގޯ އާއި އަލްބަސެޓޭ ކުޅުނު މެޗުތަކުން އެ ދެ ޓީމު މޮޅުވުމުން، ޑިޕޯޓިވޯ މެޗު ކުޅެ އެ ޓީމު މޮޅުވިޗނަމަވެސް ރެލިގޭޝަން ޒޯނަށް ވުރެ މައްޗަށް އެ ޓީމު ނާރާނެތީ އެވެ.