ވިޔަފާރި

ޓީޓީއެމް ފެއާ ނޮވެމްބަރު މަހު، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

Jul 22, 2020

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާ މި އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ނިންމައި ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

ރާއްޖޭގައި ބާއްވާ ހަމައެކަނި ޓޫރިޒަމް ފެއާ ކަމަށްވާ ޓީޓީއެމް އިންތިޒާމު ކުރާ ކުންފުނިން ބުނި ގޮތުގައި މި އަހަރުގެ ފެއާގައި ވެސް 150 ރިސޯޓާއި ހޮޓެލްސްގެ އިތުރުން 30 ގައުމަކުން 200 ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ. އަދި މި ފެއާގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތް ތަކުން ޓީޓީއެމް ފެއާގެ "ކަނެކްޓް" ޕްލެޓް ފޯމުން ރަޖިސްޓްރީ ވެވޭނެ އެވެ.

މި އަހަރުގެ ޓީޓީއެމް ފެއާ އޮންނާނީ ނޮވެމްބަރު މަހުގެ 24 އިން 26 ގެ ނިޔަލަށެވެ. ނަމަވެސް ފެއާ ބާއްވާނެ ތަނެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވަމުން ދިޔަ ޓޫރިޒަމް ފެއާތައް ވެސް މި ވަގުތަށް ވަނީ ހުއްޓިފަ އެވެ. އެހެންވެ، ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ދެ ފެއާ ކަމަށްވާ އައިޓީބީ އާއި ޑަބްލިއުޓީއެމް، ލަންޑަން ފެއާ ވެސް މި އަހަރު ނުބާއްވަ އެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ވާން ފެށުމާއެކު ގިނަ ފެއާތައް ބާއްވަން މިހާރު ދަނީ ތާރީހުތައް އިއުލާނު ކުރަމުންނެވެ.