ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮލެސްޓްރޯލް ބޭހުން ކޮވިޑަށް ފަރުވާ ކުރެވޭ: ދިރާސާ

ކޮލެސްޓްރޯލް ދަށްކުރުމަށް ދޭ ބޭހުން ކޮރޯނާވައިރަހުގެ ބާރު ދަށްކުރެވި އާދައިގެ އަރިދަފުސް ރޯގާއެއް ޖެހުމުން އުފަލަން ޖެހޭ ތަކުލީފު ވަރުގެ ކުޑަ ތަކުލީފަކާ އެކު ސަލާމަތް ވެވޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ނިއު ޔޯކްގެ މައުންޓް ސިނާއީ މެޑިކަލް ސެންޓަރުގެ ސައިންސްވެރިން މިފަހަރު ކުރި ދިރާސާގައި ބެލީ ކޮވިޑް-19ގެ ވައިރަސް ހަށިގަނޑަށް ވަދެ ހަށިގަނޑުގައި މަރުނުވެ ތިބުމަށް ބޭނުންވާ ނިއުޓްރިއަންޓްސް އިން އެ ވައިރަސް މަހްރޫމް ކޮށްލީމަ ވާ ގޮތެވެ.

މި ހޯދުން ހޯދި ސައިންސްވެރިންނަށް ފާހަގަ ކުރެވުނު އެއް ކަމަކީ ފުއްޕާމޭގެ ސެލްތަކުގެ ތެރޭގައި ޖަމާވެފައި ހުންނަ ސަރުބީއަކީ ކޮރޯނާވައިރަސް ހަށިގަނޑަށް ވަދެ އިތުރު ވައިރަސްތައް އުފެއްދުމަށް ވަރަށް މުހިއްމު ކޮމްޕޯނަންޓެކެވެ. އެހެންވެ ވައިރަސް އަށް މި ސެލްތަކުގައި އިތުރު ނުވެވޭނެގޮތް ހެދުމުން އެ ކޮންޓްރޯލްކުރަން މާ ބޮޑަށް ވެސް ފަސޭހަ ވާކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. އަދި މީހެއްގެ ހަށިގަނޑަށް ވައިރަސް ވަނަސް މިފަދަ ގޮތަކަށް އިތުރު ވުމުގެ ފުރުސަތު ނުލިބިއްޖެނަމަ ވަރަށް އަވަހަށް އެ ވައިރަސް މަރުވެ ހުސްވާނެ އެވެ. އޭރުން މިފަދަ މީހުންނަށް އިހްސާސް ކުރެވޭނީ އާދައިގެ އަރިދަފުސްރޯގާއެއް ޖެހި ރަނގަޅުވާއިރު ކުރެވޭ ފަދަ އިހްސާސެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައި ވެއެވެ.

ވައިރަސް ވަދެ އިންސާނުންގެ ހަށިގަނޑު ކޮންޓްރޯލްކުރާ ގޮތް ރަނގަޅަށް އެނގުމުން އޭގެ ކޮންޓްރޯލް އަހަރެމެންނަށް އަތުލައިގަންނަން ފަސޭޙަ ވާނެ. އެގޮތުން އަހަރެމެން ހޯދި ހޯދުމުން އެނގުނީ ވައިރަސް ހަށިގަނޑުގެ ތެރޭގައި ދިރިހުރެ އިތުރުވުމަށް ބޭނުންވާ މުހިއްމު ވަސީލަތްތަކުން މަހްރޫމްކޮށްލަނިކޮށް އެއަށް މާ ދިގު މުއްދަތެއްގައި ސަލާމަތުން ނުތިބެވޭނެ ކަން،" ހިބްރޫ ޔުނިވަސިޓީ އޮފް ޖެރޫސަލަމްގެ ޕްރޮފެސާ ޔާކޯވް ނަހްމިއަސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދެ ވަނަ ރާޅެއްގެ ކޮޅުމަތި ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ފެންނަމުންދާއިރު މި ހޯދުމުގެ ނަތީޖާ މިއައިސްފައިވަނީ ވަރަށް އެކަށީގެންވާ ވަގުތެއްގައި ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަހަރެންމެންގެ ހޯދުންތަކުގެ ނަތީޖާ ދެއްކި ގޮތަށް ކަންތައް ވާނަމަ ކޮވިޑް-19 އަކީ އާދައިގެ އަރިދަފުސް ރޯގާއެއް ފަދަ އެއްޗަކަށް ބަދަލު ކޮށްލެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ބައޯމެޑިކަލް ޖާނަލް ޕަބްލިޝާއެއް ކަމަށްވާ ސެލް ޕްރެސް އިން ވެސް މި ދިރާސާއަށް ތާއީދުކޮށްފައިވާ މި ހޯދުމުގައި ސައިންސްވެރިން ބެލީ ތަފާތު ބޭސްތައް ވައިރަސް އިތުރުވުމަށް ހުރަސްތައް ކުރިމަތިކުރާ ގޮތެވެ. އެގޮތުން ކޮލެސްޓްރޯލް ދަށްކުރަން ދޭ ބޭހެއް ކަމަށްވާ ފެނޮފިބްރޭޓް އިން ވަރަށް އުންމީދީ ނަތީޖާއެއް ނުކުތްތަން ފެނުނެވެ. މި ބޭސް އިންސާނުންނަށް ކާން ދިނުމުން އެމީހުންގެ ފުއްޕާމޭގެ ސެލްތަކަށް ޖަމާވެފައިވާ ސަރުބީތައް ވިރުވާލެއް ވަރަށް ބޮޑަށް އިތުރުވެގެން ދެއެވެ. އަދި ކޮރޯނާވައިރަސް ދިރިތިބުމަށް ބޭނުންވާ މާހައުލު ގެއްލި އެ ތަކެތި ފަނާ ވެގެން ދެއެވެ.

ލެބޯޓްރީގައި ކުރި ދިރާސާގައި މި ބޭސް ދޭން ފެށިތާ ފަސް ދުވަހުގެ ތެރޭގައި ވައިރަސް މުޅިން ފަނާވެ ހުސްވި ކަން ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ކެމްބްރިޖް ޔުނިވަސިޓީ ޕްރެސް އިން މި ހަފުތާގައި ޝާއިއުކުރި އެހެން ދިރާސާއެއް ބުނާ ގޮތުގައި ޗައިނާގައި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި ކޮންމެ ހަތަރު މީހެއްގެ ތެރެއިން ތިން މީހެއްގެ އެއް ކަހަލަ ސިއްހީ މައްސަލައެއް ހުރި ކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
މަރުވި މީހުންގެ 40 ޕަސެންޓް މީހުންގެ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުއްޓެވެ. އެހެން ގިނަ މީހުންގެ ހިތުގެ މައްސަލަ ހުއްޓެވެ. މި ދެ ކަމަކީ ވެސް ކޮލެސްޓްރޯލް މަތިވުމާ ގުޅިފައިވާ ދެ ކަމެވެ.

ޖެރޫސަލަމް ޔުނިވަސިޓީ ސައިންސްވެރިން އުންމީދުކުރަނީ އެ މީހުންގެ ދިރާސާގެ އަލީގައި ކޮވިޑް-19 އަށް ކޮލެސްޓްރޯލް ބޭހުން ފަރުވާ ކޮށްގެން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަމަށެވެ.