ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އުޒްބަކިސްތާނުގައި ކޮވިޑް ޖެހިއްޖެނަމަ 3000 ޑޮލަރު!

އިންތިހާއަށް ފަސޭހައިން އަރާ އެހާމެ ނުރައްކާތެރި ބައްޔަކަށް ކޮވިޑް-19 ވާތީ އެ ބަލިން ރައްކާތެރި ވެވޭތޯ އެންމެން ގަދައަޅާ މަސައްކަތް ކުރަމުންދާއިރު އުޒްބަކިސްތާނު ސަރުކާރުން އެދެނީ އެ ގައުމަށް ގޮސް އެ ގައުމުން ކޮވިޑް ޖެހޭތޯ ބެލުމަށެވެ. އަދި އެ ގައުމުގައި އުޅެނިކޮށް ކޮވިޑް ޖެހިއްޖެނަމަ 3000 ޑޮލަރުގެ އިނާމެއް ވެސް ދޭން އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

ނަމަވެސް މީގައި އެންމެ ހެއްވާ ކަމަކީ އެ ގައުމުގައި އުޅެނިކޮށް ކޮވިޑް ޖެހިއްޖެނަމަ ފަރުވާއަށް ވެސް 3000 ޑޮލަރު ދާނެ ކަމެވެ. ކޮރޯނާވައިރަހުގެ ވަބާ ފެތުރެން ފެށުމާ ގުޅިގެން އެ ގައުމުގެ ސާފުތާހިރުކަން އިތުރު ކުރުމަށް މިހާރު ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތް ކޮށްފައި ވެއެވެ.

އުޒްބެކިސްތާނުން އިނގިރޭސި ވިލާތަށް ކަނޑައަޅާފައިވާ ޓޫރިޒަމް އެމްބެސެޑަރު ސޯފީ އިބޮޓްސަން ވިދާޅުވީ އުޒްބެކިސްތާނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ގައުމުގެ ރައްކާތެރިކަން ޔަގީންކޮށްދޭ ކަމަށެވެ. އެ ގައުމުގެ ސަރުކާރުން ޔަގީންކުރާ ގޮތުގައި މިހާރު އެ ގައުމުގައި އަޅާފައިވާ ސާފުތާހިރުކަން ދެމެހެއްޓުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް އަންނަ ފަތުރުވެރިން ކޮވިޑުން ސަލާމަތް ކުރެވޭނެ އެވެ. އެ ގައުމުގެ ރައީސް 3000 ޑޮލަރުގެ އިނާމެއް ހުށަހަޅާފައި ވަނީ އެ ޔަގީންކަން ފަތުރުވެރިންނަށް ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗުއްޓީ ހޭދަކުރަން އުޒްބަކިސްތާނަށް އައިސް އުޅެނިކޮށް ކޮވިޑް-19 ޖެހިއްޖެނަމަ އަހަރެމެން ބަދަލު ދޭނަން،" އެމްބެސެޑަރު ވިދާޅުވި އެވެ.

އުޒްބަކިސްތާނުގެ ރައީސް ޝަވްކަތު މިރްޒިވޮވޭވް މިދިޔަ ހަފުތާގައި ވަނީ "ސޭފް ޓްރެވެލް ގެރެންޓީޑް" ކެމްޕެއިން ލޯންޗުކުރައްވާފަ އެވެ. އެ ގައުމަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުންނަށް 3000 ޑޮލަރު ދޭނީ މި ކެމްޕެއިންގެ ދަށުންނެވެ. މިއީ އެ ގައުމުގައި މިހާރު ކުރިއަރަމުންދާ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ފަށާފައިވާ ކެމްޕެއިނެކެވެ.
ނަމަވެސް 3000 ޑޮލަރު ލިބޭނީ ސަރުކާރުން އަންގާ ވަކި ކަންތައްތަކެއް ކޮށް ވަކި ތަންތާކަށް ގޮސް އުޅެނިކޮށް ކޮވިޑް ޖެހިއްޖެ ނަމަ އެވެ.

އެ ގައުމަށް ކޮވިޑް-19 ޖެހެން ބޭނުން ވެގެން އެތެރެވާ ކޮންމެ ޓޫރިސްޓަކު ވެސް ލޯކަލް ޓުއަ ގައިޑެއް ހޯދަން ޖެހޭނެ އެވެ. މިމީހާ ވެސް ވާން ޖެހޭނީ ސާފުތާޙިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން އެނގޭ މީހަކަށެވެ. މި ފަދަ ޓޫރިސްޓުން ތިބޭނެ ތަންތަނާއި ދާނެ ތަންތަން ވެސް ހަމަޖައްސަން ޖެހެނީ ސަރުކާރުން ކަނޑައަޅާފައިވާ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ކަމުގެ ލިޔުން ދޫކޮށްފައިވާ ތަންތަނުންނެވެ.

މި މަހުގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުފަތުރުތައް އެ ގައުމަށް ފަށަން ހަމަޖެހިފައިވާއިރު ޗައިނާ، ޖަޕާން، ސައުތު ކޮރެއާ އަދި އިޒްރޭލް ފަދަ ކޮވިޑްގެ ނުރައްކާ މި ވަގުތަށް ދަށްކޮށް އޮތް ގައުމުތަކުގެ ފަތުރުވެރިން އެ ގައުމުން ގަބޫލު ކުރާނެ އެވެ. ނަމަވެސް އިނގިރޭސި ވިލާތާއި އީޔޫގެ ގައުމުތަކުން އަންނަ ފަތުރުވެރިން 14 ދުވަހަށް ކަރަންޓީނު ވާން ޖެހެ އެވެ. ނަމަވެސް ބަލި ކޮންޓްރޯލް ކުރެވޭ ވަރަކުން ކަރަންޓީނު އުސޫލަށް ލުއި ދެމުން ގެންދާނެކަމަށް އުޒްބަކިސްތާނު ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮވިޑް ފެތުރެންފެށުމާއެކު އުޒްބަކިސްތާނުން ވަނީ މާޗް މަހު އެ ގައުމުގެ ބޯޑަރު ބަންދުކޮށް ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން ބަލި ކޮންޓްރޯލްކުރަން މަސައްކަތްކޮށްފަ އެވެ. އެ ގައުމުން ކޮވިޑް ޖެހިގެން މަރުވީ 84 މީހުންނެވެ.