އާސެނަލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ރެލިގޭޝަން ޒޯންގައި ކުރިން އޮތް އެސްޓަން ވިލާއިން ސޭފް ޒޯނަށް ވަދެއްޖެ އެވެ.
މެންޗެސްޓާ ސިޓީ އަތުން ބަލިވުމުން، ކުރިން ސޭފް ޒޯންގައި އޮތް ވަޓްފޯޑް ރޭ ވަނީ ރެލިގޭޝަން ޒޯނަށް ފުރޮޅާޅާފަ އެވެ. ސިޓީ މެޗު ކާމިޔާބު ކުރީ 4-0 ން ނެވެ. ވިލާ އާއި ވަޓްފޯޑް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 34 ޕޮއިންޓެވެ. ވިލާ ސޭފް ޒޯންގައި އޮތީ ވަޓްފޯޑަށް ވުރެ ގެއްލުން ގޯލް މަދުވުމުންނެވެ.
ވިލާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިސްރުގެ ފޯވަޑް މުހައްމަދު އަހްމަދު ހަސަން ޓްރެޒެގޭ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ޓައިރާން މިންގްސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ވަޓްފޯޑާއި ވިލާއަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ވަޓްފޯޑް މެޗަށް ނުކުތީ ރެލިގޭޝަން ޒޯނާ ކައިރިއަށް އެ ޓީމު ސޮއްސާލުމުން ކޯޗްވެސް ބަދަލު ކޮށްގެންނެވެ. ކުރިން ކޯޗް ކަމުގައި ހުރި ނިގެލް ޕިއާސަން ވަކި ކޮށް ދެ މެޗަށް ކޯޗް ކަމަށް ހަމަޖެއްސީ އެ ކުލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ހޭޑެން މަލިންސް އެވެ. ކުރިއަށް އޮތް އާސެނަލް މެޗުން ބަލި ވެއްޖެނަމަ ވަޓްފޯޑް ރެލިގޭޓް ވީ އެވެ.
ސީޒަންގެ ފުރަތަމަ ހާފުގައި ވަޓްފޯޑް އާ ދެކޮޅަށް ކުރިން ކުޅުނު މެޗުގައި ސިޓީން ވަނީ އަށް ލަނޑު ޖަހާފަ އެވެ. މެޗަށް ނުކުތް އިރުވެސް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އަށް ލަނޑު ޖެހުން އެއީ މާ ކުރީގެ ކަމެއް ކަމަށާއި ވަޓްފޯޑް ކޮޅަށް އެ އަދަދަށް ލަނޑު ޖެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރޭ ގެ މެޗުގައި ރަހީމް ސްޓާލިން ދެ ލަނޑު ކާމިޔާބު ކުރި އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ފިލް ފޯޑެން އާއި އެމެރިކް ލަޕޯޓް އެވެ