ދަރަނބޫދޫ

ދަރަނބޫދޫ ކައުންސިލްގެ ރައީސް މަގާމުން ދުރުކޮށްފި

ފ. ދަރަނބޫދޫ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަލީ މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފި އެވެ.

ދަރަނބޫދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އާމިރު މިއަދު ވިދާޅުވީ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަލީ މުހައްމަދުގެ އިތުބާރު ނެތް ކަމަށް ކައުންސިލްގެ ބާކީ ތިބި ދެ މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ މަގާމުން ދުރު ކުރުމަށް ހުށަހަޅަފައިވާ މައްސަލަތަކުގެ ތެރޭގައި ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބަދަލުގައި ވަކި ބަޔަކު ބުނާ ގޮތް ހަދަމުންދާ މައްސަލަ ހިމެނެ އެވެ. އަދި ކައުންސިލް މެމްބަރުންނާއި މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި މަޝްވަރާ ކުރުމެއްނެތި ކަންކަން ނިންމާ މައްސަލަ އާއި ވަކި ރައްޔިތަކު ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރަށުތެރޭގައި ވާހަކަ ދައްކާ މައްސަލަ ހިމެނެ އެވެ.

ދަރަނބޫދޫ ކައުންސިލްގައި ތިބި ތިން މެމްބަރުންނަކީ ވެސް ވެރިކަން ކުރާ ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުންނެވެ.