އަންނަ ސީޒަންގައި އޭސީ މިލާންގެ ކޯޗް ކަމާ ހަވާލުވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ޖަރުމަންގެ ރަލްފް ރަންނިކް، މިލާން އާ ނުގުޅޭ ގޮތަށް ހަމަޖެހުމުން މިހާރުގެ ކޯޗް ސްޓެފަނޯ ޕިއޯލީއާއެކު މިލާންއިން ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ތިން އަހަރުގެ އެއްބަސްވުމެއްގައި މިލާން އާ ގުޅެން ރަންނިކް އާއި މިލާން އާ ދެމެދު، މި މަހުގެ ހަ ވަނަ ދުވަހު ވަނީ އެއްބަސްވުމަށް އައިސްފަ އެވެ. އަދި ކޯޗްގެ މަގާމުގެ އިތުރުން ސްޕޯޓިން ޑައިރެކްޓަރުގެ ޒިންމާތައް ވެސް އޭނާ އާ ހަވާލު ކުރުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ރިޕޯޕްތައް އޭރު ބުނެފައި ވެއެވެ.
ރަންނިކްގެ މުޝީރު މާކް ކޮޒިސްކޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ މިލާންން އާ ރަންނިކް ގުޅެން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މިލާން އާއި ރަންނިކްގެ ފަރާތުން ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން އެންމެ ރަނގަޅު ހާލަތެއް ނެތް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"މި ސަބަބަށްޓަކައި ކުރިއަށް ނުދާން ނިންމީ،" ކޮޒިސްކޭ ނެރެފައިވާ ބަޔަނުގައި ބުނެފައި ވެއެވެ. "އަދި ކޯޗް ސްޓެފަނޯ ޕިއޮލީ ގެ ކޯޗް ކަމުގެ ދަށުން ގެންނަމުންދާ ޑިވްލަޕްމެންޓާއި ރަނގަޅު ނަތީޖާ ތަކާއެކު މިލާން އިން ހޯދަމުންދާ ކުރިއެރުމުން ރާފް ރަންނިކް އާއި އާއި މިލާން ގުޅިގެން ނިންމީ މި ވަގުތު ކޯޗްގެ ޒިންމާތަކާ ހަވާލު ނުވުމަށް."
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ބުރޭކަށް ފަހު ސޭރީ އޭ ފެށިފަހުން ކުޅުނު ނުވަ މެޗުންވެސް މިލާން ވަނީ ބަލި ނުވުމުގެ ޓްރެކް ދަމަހައްޓާފަ އެވެ. އޭގެ ތެރެއިން ހަތް މެޗުން އެ ޓީމު މޮޅުވި އެވެ. އެއް ވަނައިގައި އޮތް ޔުވެންޓަސްވެސް މިލާންގެ ޓީމުން ބަލި ކުރި އެވެ.
ޕިއޮލީގެ ކޮންޓްރެކްޓް މިލާން އިން ވަނީ ދެ އަހަރަށް ދަމަހައްޓާފަ އެވެ. އަންނަ އަހަރު ޖޫން މަހު ހަމަވާން އޮތް އޭނާގެ ކޮންޓްރެކްޓް މިހާރު ހަމަ ވާނީ ޖޫން 2022 ގަ އެވެ. މިލާންއިން އެކަން އިއުލާން ކުރި ފަހުން އޭނާ ބުނީ، އޭނާ އަށް މިލާން އިން އިތުބާރު ކުރާކަން ހާމަވެގެން ދިއުމުން ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ.