ހަބަރު

އެޗްއާރުސީއެމުން ޒާހިދު ވަކިކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމުގެ މަގާމުން ޒާހިދު ވަކިކުރަން ރައީސްއަށް ލަފާ އަރުވަމުން މަޖިލީހުން ފާސްކުރީ މެންބަރުންގެ 61 ވޯޓުންނެވެ. ޒާހިދު ވަކިކުރަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އެވެ.

ޒާހިދު އެ ކޮމިޝަނަށް އައްޔަން ކުރީ ޖޫން 15، 2017 ގަ އެވެ. އޭގެ ކުރިން ޔޫއެންޑީޕީއާއި ޔޫއެންއޯޕީއެސްގެ ތަފާތު ޕްރޮޖެކްޓްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވެ އެވެ. އަދި، ސައުތު އޭޝިއާ އެލިވިއޭޝަން ޕްރޮގްރާމްގައާއި އެޓޯލް ޑިވެލޮޕްމަންޓް ފޮ ސަސްޓެއިނަބަލް އެޓޯބަލް ޑިވެލޮޕްމަންޓްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވެ އެވެ.

އެޗްއާރުސީއެމް އިން ޒާހިދު ވަކިކުރަން މަޖިލީހުން މިއަދު ފާސްކުރިއިރު، އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އައިމިނަތު އީނާސް އާއި މެންބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭގެފާނާއި އައިޝަތު އަފްރީން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މިހާރު ކޮމިޝަންގައި އިންނަވާނީ މެންބަރު ނައިވީން އަބްދުﷲ އެކަންޏެވެ. ނައިވީންގެ މެންބަރު ކަމުގެ ދައުރު ވެސް އަންނަ ސެޕްޓެމްބަރު މަހަށް ހަމަވާނެ އެވެ.