އެމްއެމްއޭ

ޑެޕިއުޓީ ގަވަރުނަރު ޒާހިރާ ޓާމް ހަމަކޮށް މަގާމުން ވަކިވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ފުރިހަމަ ކުރައްވައި މަގާމުން ވަކިވެ ވަޑައިގެންފި އެވެ.

އެމްއެމްއޭ އުފެދުނީއްސުރެ ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ޒާހިރާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގެންފައި ވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ދެ ދައުރު އެވެ. އެހެންވެ އެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ.

ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.

ޑެޕިއުޓީ ގަވަރުނަރުގެ ޒާހިރާ މަގާމުގެ ދައުރު ފުރިހަމަ ކުރައްވުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ބުނީ އެކަމަނާ އެ އޮތޯރިޓީގައި 31 އަހަރު ހިދުމަތް ކުރައްވާފައިވާ ކަމަށާ، އެ ކަމަނާގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި މިހާރު ހުންނެވީ އަލީ ހާޝިމެވެ. އަދި އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ތިއްބެވީ މަރިޔަމް ހުސެއިން ދީދީ އާއި އިދްހާމް ހުސެއިން އަދި މަރިޔަމް ޝިފާ އެވެ.