ވިޔަފާރި

ޕޭޕަލް ފުރިހަމަ ކުރަން ރާއްޖެއަށް ގާނޫނުތައް ބޭނުންވޭ: ގަވަރުނަރު

ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމައަށް ދެވޭނީ ގުޅުންހުރި ގާނޫނުތައް ހަދައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ވިޔަފާރި އާއި ފައިސާގެ މުއާމަލާތް ކުރަން ބޭނުން ކުރާ "ޑިޖިޓަލް ވޮލެޓް" ޕޭޕަލްގެ ހިދުމަތުގައި މިހާރު ރާއްޖެއަށް ލިބެނީ ހަމައެކަނި ފައިސާ ޖަމާ ކުރުމާއި ބޭނުން ކުރުމެވެ. އެ ވިއުގަައަށް ރިސީވްވާ ފައިސާ ރާއްޖެއިން ނުއެއް ނެގެ އެވެ.

ބީއެމްއެލްގެ މާސްޓަ ކާޑު ރަސްމީކޮށް ލޯންޗް ކުރަން ކްރޮސްރޯޑް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުރިހަމަ ކުރެވޭނީ އެކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ހަދައި ގަވައިދުތައް ވެސް ފުރިހަމަ ވުމުން ކަމަށެވެ.

"ފުރަތަމަ ކަމަކީ އެބަޖެހޭ އެމްއެމްއޭގެ އެކްޓް [ގާނޫނު] ބަދަލު ކުރަން. މީގެ އިތުރުން ޑިޖިޓަލް ޓްރާންސެކްޝަން އެކްޓެއް ބޭނުންވޭ. މިހާރުގެ އެކްޓުން ޑިޖިޓަލް ޓްރާންސެކްޝަން ކަވަރެއް ނުކުރޭ. މިއާ ގުޅުންހުރި ފައިނޭންޝަލް ޓްރާންސެކްޝަން އެކްޓެއް ވެސް އަންނަން އެބަ ޖެހޭ. ގިނަ މަޖިލީސް މެންބަރުން ވެސް ވިދާޅުވެ ކޮބައިހޭ ޕޭޕަލް. އަޅުގަނޑު މި ދަންނަވަނީ ގާނޫނުތައް ފުރިހަމަ ކޮށްދެއްވާށޭ އޭރުން ފުރިހަމަވާނެ އޭ،" އަލީ ވިދާޅުވި އެވެ.

ޕޭމަންޓް ސިސްޓަމް 2021 ގައި ފުރިހަމަވާނެ

ގަވަރުނަރު ވިދާޅުވީ އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައި ހިމަނާފައިވާ ގައުމީ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފައްޓަވާފައިވާ ކަމަށާ، އެ މަސައްކަތް އެއްކޮށް ނިމޭނީ 2021 ގައި ކަމަށެވެ. އަދި ޕޭޕަލްގެ ހިދުމަތް ލޯންޗް ކޮށްފައި ހުރީ ޖަޒީާ ގައުމުތަކުގެ ވަރަށް މަދު ގައުމެއްގައި ކަމަށައި އެހެންކަމުން އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ކޮންމެ މިފަދަ އެޕްލިކޭޝަން ގެންގުޅުއްވާ ބޭފުޅުންގެ ވެސް މާކެޓިން ޕްލޭން ތަކެއް ހުންނާނެ. އެ ބޭފުޅުން [ޕޭޕަލް] ގެ މާކެޓިން ޕްލޭންގައި އަދި ނެތް ރާއްޖެއެއް. އަޅުގަނޑުމެން ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ އެޓްރެކްޓް ކުރަން،" އަލީ ހާޝިމް ވިދާޅުވި އެވެ.