ހަބަރު

ފަސް ސަފީރަކަށް މަޖިލީހުން ރުހުން ދީފި

ހަތަރު ގައުމެއްގެ ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅުންނަށާއި އދ. ގެ ޖެނިވާގެ ދާއިމީ މަންދޫބުގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައަޅާ ސަފީރު ކަމަށް ޝިރުޒިމަތު ސަމީރު އައްޔަން ކުރަން ރުހުން ދޭން މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ޕާކިސްތާނަށް ކަނޑައަޅާ ސަފީރު ކަމަށް ފަރްޒާނާ ޒާހިރު އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ.

ޔޫއޭއީއަށް ކަނޑައަޅާ ސަފީރު ކަމަށް އައިމިނަތު ޝަބީނާ އައްޔަންކުރަން ރުހުން ދޭން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. އދ. ގެ ޖެނިވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އާސިމް އަހުމަދު އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ.

އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށާއި ނޭޕާލްއާއި ބޫޓާންއާއި އަފްޣާނިސްތާނުގެ ނަން ރެސިޑެންސް ސަފީރު ކަމުގެ މަގާމަށް ޑރ. ހުސައިން ނިޔާޒު އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ.

މިއިން އެއްވެސް ސަފީރަކު ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ކޮންމެ ސަފީރަކަށް ވެސް ރުހުން ދޭން ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ.

ފަސް ސަފީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާ ނިމުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއަދު ފާސްކުރި ނަންތަކާއެކު ސަފީރުންގެ މަގާމުގައި ތިއްބަވާ އަންހެން ބޭފުޅުންގެ އަދަދާއި ފިރިހެން ބޭފުޅުންގެ އަދަދު ހަމަހަމަ ވާނެ ކަމަށެވެ.