ކުރިއަށް އޮތް ސީޒަންގައި ވެސް ޕީއެސްޖީގައި މަޑުކުރަން ފްރާންސްގެ ފޯވަޑް ކިލިޔަން އެމްބާޕޭ ނިންމައިފި އެވެ.
އިއްޔެ ސެލްޓިކާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗަށް ފަހު އެމްބާޕޭ ބުނީ، ކޮންމެ ގޮތަކަށްވިޔަސް ޕީއެސްޖީ އާއެކު ހަތަރު އަހަރަކަށް ކުރިއަށް ދާން އޭނާ ނިންމާފައިވާ ކަމަށެވެ. މޮނަކޯ ދޫކޮށް ޕިއެސްޖީއަށް 2017-18 ސީޒަންގައި އެމްބާޕޭ ޕީއެސްޖީއަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޖެހިގެން އައި އަހަރު އޭނާ ލައްވައި ދާއިމީ އެއްބަސްވުމުގައި ސޮއި ކުރުވީ މޮނަކޯއަށް 170 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ. އޭނާ ޕީއެސްޖީއާއެކު ހެދި އެއްބަސްވުން ހަމަ ވާނީ ޖޫން 2022 ގަ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އެމްބާޕޭއަކީ އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. މިހާރު އުމުރުން 21 އަހަރުގެ ފޯވާޑް ގެންދިއުމަށް ލިވަޕޫލް އާއި ރެއާލް މެޑްރިޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އަންނަ މަހަކީ، ޕީއެސްޖީއަށް 50 އަހަރު ފުރޭ މަހެވެ. އެމްބާޕޭ ބުނީ ކުލަބު 51 ވަނަ އަހަރާ ކުރިމަތިލާއިރު އެ ކުލަބުގައި އޭނާ ދެމިހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ވެސް މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް ޕީއެސްޖީން ވަނި އޭނާގެ ކޮންޓްރެކްޓް އިތުރު ކުރަން ނިންމާފަ އެވެ.