ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 53 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެމީހުންގެ ތެރޭގައި ހާލުބޮޑު ބަލި މީހަކު ނެތް ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 53 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާ އެމީހުން އެޑްމިޓްކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ކަމަށެވެ.
އެ މީހުންގެ ތެރޭގައި ހާލު ބޮޑު ބަލި މީހަކު ނެތް ކަމަށް ނަޒްލާ ވިދާޅުވިއެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދޮށީ ހައިރިސްކް މީހުންނާއި ބޮޑެތި ބަލިތަކަށް ކުރިއްސުރެ ފަރުވާ ހޯދަމުންދާ މީހުންނެވެ. ނަޒްލާ ވިދާޅުވީ އެމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ.
މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 59 މީހުންނެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ މީހެކެވެ.
މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 3,103 އަށް އަރާފަ އެވެ.
މިއަދު ބަލިން އެއްވެސް މީހެއް ރަނގަޅުވެފައެއް ނުވެއެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 676 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 478 މީހުންނެވެ. ކަރަންޓީންގައި މިވަގުތު އެއްވެސް މީހެއް ނެތެވެ.
ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.