ކުޅިވަރު

ރަން މެޑައްޔާއި ޓްރޮފީގެ ވައުދު

ނޫސްވެރިންގެ ކުރިމައްޗަށް ކޯޗް މުހައްމަދު ނިޒާމް އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުލަބު އޮފހުގަ އެވެ. މީގެ ކުރިން އައީ ސައުތު އީސްޓް އޭޝިއާގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ޔޫރަޕްގެ މޮޅު ކޯޗެކެވެ. އެ ދުވަހުގެ ހުށަހެޅުމާއި މިދިޔަ އަންގާރަ ދުވަހު މާޒިޔާގެ އޮފީހުގައި އޮތް ހުށަހެޅުން ތަފާތެވެ. ބެންޗުގައި ޓީމަށް އިރުޝާދު ދޭން ދާއިރު ވެސް ނިޒާމް ދަނީ ރަސްމީ ހެދުމުގަ އެވެ. މިތާނގައި ވެސް އެގޮތަށެވެ.

ނިޒާމުގެ ތަފާތު ފެންނަނީ ދަނޑުމަތީގައި ނެރޭ ނަތީޖާއިން އެކަންޏެއް ނޫނެވެ. ވޯޑްރޯބް ގައި ވެސް ތަފާތެވެ. ބެގީކޮށް ޓައީ އަޅާފައި ބެންޗަށް ނުކުންނަ ދެ ވަނަ އެހެން ކޯޗެއް ނިޒާމް ނޫނީ ރާއްޖޭގައި ނެތެވެ.

"ތިމާގެ ވަޒީފާއަށް އަމިއްލައަށް ނުދިން އިހްތިރާމެއް އެހެން މީހަކު ނުދޭނެ." މިއީ 2016 ވަނަ އަހަރު އަހަރު އެކަމާ ބެހޭ ގޮތުން ނިޒާމް ބުނި ވާހަކަ އެވެ. ޓައީ އަޅައިގެން އޭނާ ބެންޗަށް ނުކުތުމުން ފުޓްބޯޅައިގެ ތެރޭގައި އުޅުނު ބައެއް މީހުން އޭނާއަށް ޖޯކު ވެސް ޖެހި އެވެ. އެކަމަކު މީހަކު ދައްކާ ވާހަކައަކަށް އޭނާ ނުބަލަ އެވެ. އޭނާގެ ވޯޑްރޯބަށް ބަދަލެއް ނުގެނެ އެވެ. ބަދަލު ގެނައީ އޭނާގެ ފުޓްބޯޅައިގެ ވިސްނާ ވިސްނުމަށާއި ދަނޑުމަތީގައި ކުޅުވާ ގޭމްގެ ފިލޯސަފީއަށެވެ. އެ ބަދަލުން ކުރިއެރުން ގެނުވި އެވެ.

މާޒިޔާގެ ކޯޗެއްގެ ގޮތުގައި ނިޒާމްގެ އެންމެ ފުރަތަމަ ޓެސްޓަކީ، އޮކްޓޯބަރު މަހު ރާއްޖޭގައި ފަށާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ބުރެވެ.

"އޭއެފްސީ ކަޕްގައިވެސް އަޅުގަނޑު އަމިއްލަ ޓާގެޓެއް އެބައޮތް އެއީ މާޒިޔާ އާއެކު އޭއެފްސީ ކަޕްގައި މިހާތަނަށް ދިވެހި ޓީމަކުން ހޯދާނެ އެންމެ ބޮޑު ކާމިޔާބު ހޯދުން."

އޭނާގެ ޓާގެޓަކީ އެންމެ ދަށްވެގެން ވެސް އޭއެފްސީ ކަޕްގެ ފައިނަލުން ޖާގަ ހޯދުމެވެ. ރާއްޖޭގެ ކުލަބަކަށް އޭއެފްސީ ކަޕްގައި މިހާރު ނުދެވި އޮތް ހިސާބަކީ އެއީ އެވެ. މިއީ ކުރެވޭނެ ކަމެއްނޫނޭ ބުނެ ބައެއް މީހުން މި ވާހަކައަށް ޖޯކު ވެސް ޖަހާނެ އެވެ.

ނަމަވެސް ނިޒާމްގެ އެ ވާހަކައިން ދޭހަވީ، އޭނާގެ "ފައިޓިން ސްޕްރިޓް" އެވެ. ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރު ނިޒާމް ހުރިއިރު، އޭނާގެ ފައިޓިން ސްޕްރިޓްގެ ވާހަކަ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ކޯޗް ކައިރީގައި އަހާލިން ކޮބާތޯ އެ މުބާރާތުގެ ޓާގެޓަކީ،" މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމަށް އިޝާރާތްކޮށް، ނިޒާމް ނަން ފާހަގަ ކުރައްވަމުން ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވި އެވެ. "ކޯޗް މުހައްމަދު ނިޒާމް ބުނީ ތިމަންނަގެ ޓަގެޓަކީ މުބާރާތް ކާމިޔާބު ކުރުމޭ، މިހާރު އަޅުގަނޑުމެންގެ ކޯޗުންގެ ވިސްނުން ބަދަލުވެއްޖެ މިހާރު ކޮންމެ މުބާރަތަކަށް ދިޔައަސް ޓަގެޓް ކުރަނީ އެ މުބާރާތް ކާމިޔާބު ކުރަން."

މާޒިޔާ އާއެކު ނިޒާމްގެ އަމިއްލަ ޓާގެޓް ހާސިލު ނުކުރެވެންވީ ސަބަބެއް ނެތެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް މާޒިޔާ ދަތުރު ކުރީ އޭއެފްސީ ކަޕްގެ ފައިނަލިސްޓެއް ކަމަށްވާ ބެންގަލޫރު އެފްްސީ ބަލި ކުރުމަށް ފަހު އެވެ. އެހިސާބަށް ދެވޭވަރުގެ ސްކޮޑެއް މާޒިޔާގައި އެބައޮތެވެ. އެ ފެންވަރު އެބަހުއްޓެވެ. ފައިނޭންޝިއަލް ސްޓެބިލިޓީ ވެސް އެބަހުއްޓެވެ.