ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ކުލަބުތަކުގެ ކުޅުންތެރިންނަށް ވެކްސިން ޖަހަން ކުރިއަށް ގެންދިޔަ ކެމްޕޭންގައި، ވެކްސިން ޖަހަން ދެކޮޅު ހެދި މާޒިޔާ އާައި ކުލަބު އީގަލްސްގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އެ ދެ ކުލަބުން އުވާލައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ދިވެހި ޕްރިމިއާ ލީގްގައ ވާދަ ކުރާ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖެހުމަށް އެފްއޭއެމުން ވަނީ ބާރު އަޅާފަ އެވެ. އަދި އާންމުން ވެސް ކޮވިޑް ވެކްސިން ޖެހުމަށް ހިތްވަރުދީ އެފްއޭއެމުން ވަނީ ވެކްސިން ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ގައުމީ ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަނީ، ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް ވެސް ހިލޭ ވެކްސިން ޖަހައިދޭ ގޮތަށެވެ. އެ އުސޫލުގެ ދަށުން ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަށް ވެސް ވެކްސިން ޖަހަ އެވެ. އެހެން ނަމަވެސް މާޒިޔާއަށް ކުޅެމުން ދިޔަ ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް ވަނީ ވެކްސިން ޖަހަން ދެކޮޅު ހަދާފަ އެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން މާޒިޔާ އާ ގުޅުނު ޑިފެންޑަރު މި ސީޒަންގައި ވެސް މާޒިޔާއިން ގެނައީ އޭނާގެ ކުޅުން ރަނގަޅު ވުމުންނެވެ. އެހެން ނަމަވެސް ވެކްސިން ޖަހަން ދެކޮޅު ހެދުމުން މާޒިޔާއިން ވަނީ އޭނާގެ ކޮންޓްރެކްޓް އުވާލާފަ އެވެ.
"އަހަރެން ހިތާމަ ކުރަން އަހަރެންގެ ކޮންޓްރެކްޓް މި ގޮތަށް ނިމިގެން ދިޔައީމަ،" ޕްލަނިޗް ފޭސްބުކްގައި ލިޔެފައި ވެއެވެ. "އަހަރެން ބޭނުމެއް ނުވީ އަހަރެންގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަން. އެކަމާ އަހަރެންގެ އަހަރެންގެ ކޮންޓްރެކްޓް ބާތިލު ކުރީ."
އީގަލްސްގެ މޮންޓަނީގުރޯގެ ކީޕަރު މިލާން ޖެލްވޮކް ވެސް ބުނެފައި ވަނީ، ވެކްސިން ޖަހަން ބޭނުން ނުވުމުން އޭނާގެ ކޮންޓްރެކްޓް އުވާލުމަކީ އޭނާ ދެރަވި ކަމެއް ކަމަށެވެ.
ކޮންޓްރެކްޓް ބާތިލު ކުރި ކުޅުންތެރިންގެ ބަދަލުގައި އީގަލްސް އާއި މާޒިޔާއިން ވަނީ އެ މަގާމުތަކަށް އެހެން ކުޅުންތެރިން ގެނެސްފަ އެވެ. ޕްލަނިޗްގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް ފހު އޭނާ ބެލެހެއްޓި ޑިފެންސް މަގާމު ފޫބައްދަން އެ ކުލަބުން ގެނައީ، ރެއާލް ބެޓިސްއަށް ކުރިން ކުޅުނު ޑިފެންޑަރެއް ކަމަށްވާ ހެސޫސް ޕޯސޯ ބްލެންކޯ އެވެ. އަދި ޖެލްވޮކްގެ ބަދަލުގައި އީގަލްސްއިން ވަނީ ލުބުނާންގެ ކީޕަރެއް ކަމަށްވާ މުހައްމަދު ތޯހާ ގެނެސްފަ އެވެ.
ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގައި މާޒިޔާއިން ވާދަ ކުރާނެ އެވެ. އީގަލްސް އަށް އޮތީ އޭއެފްސީ ކަޕް ކޮލިފައިންނެވެ. އެވެ. ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް މެއި މަހު 14 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަންގެ ލީގް ރަނަރަފް ކުލަބު އީގަލްސް ވާދަ ކުރާނީ އޭއެފްސީ ކަޕް ކޮލިފިކޭޝަން ބުރުގަ އެވެ.
ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި އީގަލްސް ނުކުންނާނީ ބޫޓާންގެ ތިމްޕޫ ސިޓީ އާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ޕްރިލިމިނަރީގެ ދެ ވަނަ ބުރުގައި ނުކުންނާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށްވެ. އެ މެޗު އޮންނާނީ އަންނަ މަހު 14 ގަ އެވެ. ޕްރިލިމިނަރީގެ ދެ ވަނަ ބުރުން މޮޅުވާ ދެ ޓީމު ޕްލޭއޮފްގައި ވާދަކޮށް ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނީ ޕްލޭއޮފުން މޮޅުވާ ޓީމެކެވެ.