މާޒިޔާ

ދިގުބޯޅަ ޖެހުން ހުއްޓާލަން ޖެހޭ: ރިސްޓޯ

ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ދިގު ބޯޅަތަކެއް ޖަހައިގެން ކުޅުމުގެ ސަގާފަތް ދޫކޮށްލައި ޕާސިން ގޭމަކަށް ބަދަލުވާން ޖެހޭ ކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެެވެ.

ސްޕެއިންގެ ރެއާލް ބެޓިސްއަށް ކުޅެ އެ ކުލަބުގެ ޔޫތު ޓީމުގައި މަސައްކަތް ކުރި ރިސްޓޯ ބުނީ، ރާއްޖޭގެ ކުޅުންތެރިންނަކީ ޓެކްނިކަލް ހުނަރު މުއްސަނދި ކުޅުންތެރިން ކަމަށާއި އެހެންވެ ރާއްޖޭގެ ގޭމް ޕާސިން ގޭމަކަށް ބަދަލު ކުރުމުން މާ ބޮޑަށް ފައިދާ ވާނެ ކަމަށެވެ.

"އަހަރެން [މާޒިޔާގައި] ބަދަލު ކުރަން ބޭނުންވާ ކަމަކީ ދިގު ބޯޅަތަކެއް ޖަހައިގެން ކުޅޭ ކުޅުން،" ރިސްޓޯ ވާހަކަ ދެއްކި އެވެ. "އަހަރެމެން ކުރަން ޖެހޭ ކަމަކީ ފުރީކޮށް ކުޅެ ޕާސިން ފުޓްބޯޅައަކަށް ބަދަލު ކުރުން. އަހަންނަށް ހީވަނީ އެގޮތަށް ބަދަލު ކުރީމަ މާ ރަނގަޅުވާނެ ހެން. ސަބަބަކީ މިތިބީ ޓެކްނިކަލީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް."

އޭނާ ބުނީ މާޒިޔާގެ ގޭމް މަޑުމަޑުން ބަދަލު ވަމުގެ މަރުހަލާގައި ވާއިރު ވެސް، ކުޅުންތެރިން ބައެއް ފަހަރު ދިގު ބޯޅަތަކެއް ޖަހައިގެން ކުޅެން އުޅޭ ކަމަށެވެ. އެއީ ކުރިންސުރެ އެގޮތަށް ކުޅެން އާދަވެފައި ވުމުން ރިސްޓޯ ބުންޏެވެ. ގައުމީ ފުޓްބޯޅަ ދަނޑު ނުވަތަ ގަލޮޅު ދަނޑުގައި އެ ގޭމް ކުޅެން އުނދަގޫ ސަބަބުތައް ވެސް އޭނާ ކިޔައި ދިނެވެ. އޭނާ ބުނީ ގަލޮޅު ދަނޑުގެ ވިނަގަނޑު އޮތީ ޕާސިން ގޭމެއް ކުޅެން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ.

"މި ވިނަގަނޑު މިއޮތީ އެ ގޭމް ކުޅެން އެހާ ފަސޭހަ ގޮތަކަށް ނޫން،" ސާބިއާގެ ކޯޗް ބުންޏެވެ. "އަހަރެން ހީ ކުރަން މިހާލަތު ބަދަލު ވާނެ ކަމަށް. ޕާސް ޖަހައިގެން ކުޅެން މިދަނޑުގައި އުނދަގޫ ޑިފެންސް ކުރަން ފަސޭހަ ވެދާނެ. އެކަމަކު ޓެކްނިކަލީ ބަލާއިރު ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު. އެހެންވީމަ ރާއްޖޭގައި ޕާސިން ގޭމަށް ކުޅެން މަސައްކަތް ކުރަންވީ."

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު މާޒިޔާ ނުކުންނާނީ އެ ޓީމާ އެންމެ ވާދަވެރިކޮށް އޮތް ކުލަބު ވެލެންސިއާ އާ ދެކޮޅަށެވެ. ރިސްޓޯ ބުނީ އެ މެޗުގެ ނަތީޖާއިން ލީގްގެ އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށެވެ. "މި މެޗުގެ ނަތީޖާއިން ލީގަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދިވެސް 21 މެޗުގެ ތެރެއިން 14 މެޗު ކުޅެން އެބައޮތް."

ފުރަތަމަ ބުރު މާޒިޔާއިން ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެއީ އޭނާއަށް ލިބޭ އިތުރު ހިތްވަރެއްތޯ ސުވާލު ކުރުމުން ރިސްޓޯ ބުނީ އޭނާ ވިސްނަނީ މެޗަކަށް ފަހު މެޗަކުން ކަމަށެވެ. އަދި ކުރިން ކުޅުނު މެޗަކާ މެދު ވިސްނުމުގެ ބަދަލުގައި މިހާރު އޭނާ ވިސްނަން ޖެހިފައި ވަނީ މިއަދު ކުޅެން އޮތް ވެލެންސިއާ އާ މެދުގައި ކަމަށް ރިސްޓޯ ބުންޏެވެ. އޭނާ ބުނީ ހުރިހާ ޓީމަކުންވެސް މާޒިޔާ އާ ދެކޮޅަށް ކުޅޭއިރުވެސް ކުޅެނީ ދާދި އެއްގޮތަކަށް ކަމަށެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ، ވެލެންސިއާގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. މާޒިޔާއިން ވަނީ 15 ޕޮއިންޓް ހޯދާފަ އެވެ. ވެލެންްސިއާ އަށް 12 ޕޮއިންޓެވެ.